ޢިބްރަތްތެރި ވާހަކަ: ދަރިން ލިބުމުންވެސް ލޯބިވެރިން ހޯދައި ހެޔޮލަފާ އަނބިމީހާއާ ދަރިން ނިކަމެތިކުރާ ފިރިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ޢިބްރަތްތެރި ވާހަކަ: ދަރިން ލިބުމުންވެސް ލޯބިވެރިން ހޯދައި ހެޔޮލަފާ އަނބިމީހާއާ ދަރިން ނިކަމެތިކުރާ ފިރިންނަށް އަގުހުރި ފިލާވަޅަކަށްވާނެ ޙާދިސާއެއްގެ ވާހަކަ-

އެއްވެސް މީހެއްގެ އަތްމައްޗަށް ފައިސާ ގިނަވުމަކީ އެއިން ހިތަށް އެރިހައިކަމެއް ކުރަން ހުއްދަލިބޭ ކަމެއް ނޫނެވެ. އެފައިސާގައި އެފައިސާ ދެއްވެވި ﷲ ތަޢާލާގެ ޙައްޤެއްވެއެވެ. އެޙައްޤުވަނީ އެފައިސާއިން އެހީތެރިކަން ލިބެންޖެހޭ މީހުންނާއިވެސް ގުޅިފައެވެ.

އެހެންކަމުން ކައިވެންޏަށްފަހު ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަން ފިރިމީހާގެ އަތްމައްޗަށް ދެއްވެވިނަމަވެސް އެއީ އޭނާގެ އެކަނި މިލްކެއް ނޫނެވެ. އެއީ 2 މަފިރިންގެ ޙައްޤެކެވެ. ކައިވެނީގައި ދަރިން ލިބިއްޖެނަމަ އެދަރިންގެ ޙައްޤުވެސް ހިމެނިގެންދާނެއެވެ. އެހެނަސް އެކަން ޤަބޫލުކުރެވެނީ މަދު މީހަކަށެވެ.

ތަނަވަސްކަން ތިމާގެ މައްޗަށް އެރުމުން އެއީ ތިމާގެ އަމިއްލަ މިލްކެއް ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށެކެވެ. އެތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފައި އަނބިދަރިންނަށް ޚަރަދުކުރުމުގެ ބަދަލުގައި ހިލޭ އަންހެނުންނަށް ޚަރަދުކުރާނަމަ އެކުރެވެނީ އަދި މާބޮޑުކުށެކެވެ.  

ތިރީގައި އެވަނީ އެކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކައެވެ. ދެއަންތބަށް ކައިވެނިކުރަން ލޯބިވެރިޔާ ނުރުހުން އަނބިމީހާ ވަރިކޮށްލައި 2 ދަރިން ނިކަމެތިކޮށްލި ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ.  

އަޅުގަނޑުމެންނަކީވެސް ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެމުން އައި ބައަކީމެވެ. ކައިވެންޏަށް ދެވަނަ އަހަރުގައި އަންހެން ދަރިއަކު ލިބިއްޖެއެވެ. ހަތަރުވަނަ އަހަރުގައި ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ދެންވެސް ދިރިއުޅެމުން އައީ ހަމަ އުފަލުގައެވެ.  

ދުވަސްތައް މާޒީވަމުން ގޮސް ކައިވެންޏަށް 7 ވަނަ އަހަރު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ރޭގަނޑު ނިދަން އަންނަ ވަގުތު ލަސްވާންފަށައިފިއެވެ. ދެމަފިރިންގެ މެދުގައި އޮތް ގުޅުން ކުޑަވެ ދުރުހެލިވާން ފަށައިފިއެވެ. ވާހަކަދެއްކުންވެސް މަދުވާން ފަށައިފިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. 2 ދަރިންނާއިވެސް ދުރުހެލިވާން ފަށައިފިއެވެ.  

ޙަޤީޤަތް ހޯދަން ކުރި މަސައްކަތުން އެނގުނީ އެހެން އަންހެނަކު ދެކެ ލޯބިވެގެން އުޅޭކަމެވެ. އެކަން އަޅުގަނޑަށް އެނގިއްޖެކަން ފިރިމީހާއަށް އެނގުމުންވެސް އައީ ރުޅިއެވެ. ބުނީ ދެން ރަނގަޅުވާނީ 2 ދަރިން ގޮވައިގެން މަންމަ ގާތަށް ދިއުން ކަމަށެވެ. "އެއީ މަންމަގެ ދެދަރިންތޯ؟" ސުވާލުކޮށްލަން ބޭނުންވިއެވެ. ނަމަވެސް ބަހެއް ނުބުނަމެވެ.

އަންހެނަކަށްވެހުރެ ވަރަށް ލަދުވެތި ޢަމަލެއްވެސް ކުރީމެވެ. ފިރިމީހާ ލޯބިވެގެން އުޅޭ މީހާ ހޯދައި ދެފައިގައި ހިފައި އާދޭސްކުރީމެވެ. ބުނީމެވެ! "އަހަރެން މިއާދޭސްކުރަނީ ހަމައެކަނި 2 ދަރިންގެ ޙައްޤުގައެވެ. ދެމީހުން ހިތާވާނަމަ ކައިވެނިކުރާށެވެ! ނަމަވެސް ދެކުދިން ބައްޕައާއި ވަކިނުކުރާށެވެ! އެއީ ފޫބެއްދޭނެ ގެއްލުމެއް ނޫނެވެ!"  

އެހައިވަރަށް ނިކަމެތިވެފައި އާދޭސްކުރުމުންވެސް އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. ދެއަންތބަށް ކައިވެނިކުރަން އޭނާ ބޭނުންނުވުމުން އަޅުގަނޑުވަރިކުރީއެވެ. ދެދަރިންނާއިއެކު ގެއިން ނެރެ ބޭރުކޮށްލީއެވެ.  

މިދަންނަވަނީ ހަމަ ތެދަށެވެ. ވަރީގެ ބަސް އަޑުއިވުނު ހިސާބުން ލިބުނީ އިތުރު ހިތްވަރެކެވެ. ހީވަނީ އިތުރު ޖޯޝެއް ލިބުނުހެންނެވެ. ސިކުނޑި ބުނާފަދައެވެ. "އަވަހަށް މިގެއިން ނުކުމެގެންދާށެވެ! ދެން ވަންނަންހުރިގެ މާފުރިހަމަވާނެއެވެ. ދެން ލިބޭނެ ފިރިމީހާވެސް މާހެޔޮވެފައި މާރަނގަޅުވާނެއެވެ."  

ކޮންމެއަކަސް ދެ ދަރިން ގޮވައިގެން ގެއަށް ހިނގައްޖައީމެވެ. އަބަދުވެސް ވަޒީފާއަދާކުރާތީ ގެއަށް ގޮސްފައިވެސް ވަޒީފާއަދާކުރަމެވެ. އެވަގުތު މަންމަ ކުދިން ބަލައިދެއެވެ. ނަމަވެސް އަޅުގަނޑަށް ލިބެނީ ކުޑަކުޑަ މުސާރައަކަށްވުމުން ދެދަރިންގެ ކަންކަން ބަލަހައްޓައިލެވެނީ ހަމަކިރިޔަކިރިޔާއެވެ. ގިނަ މަސްމަހު ދެކޮޅު ޖެއްސެނީ މަންމަވެސް އެހީތެރިވެދޭތީއެވެ.  

އެހައިދަތިޙާލުގައި އުޅެނިކޮށް ބައްދަލުވި މީހަކު އަޅުގަނޑާއި ގުޅެން ޝައުޤުވެރިކަން ފައުޅުކުރުމުން އަވަހަށް އެއްބަސްވީމެވެ. ހަމައެކަނި ޝަރުޠަކަށް ހެދީ ދެދަރިން ނިކަމެތިނުކޮށް ބަލައިދިނުމެވެ. އޭނާ އެކަން ޤަބޫލުކުރިއެވެ. ކައިވެނިކޮށްގެންވެސް އުޅުނީ މަންމަ ގާތުގައެވެ. އެއީ އޭނާގެ ހަޤީޤަތް ރަނގަޅަށް ނުއެނގެނީސް ގެއިން ނުކުމެގެންދާން ބޭނުންނުވާތީއެވެ.  

އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ. ގޯތިން އަޅުގަނޑަށް ލިބޭނެ ބިންކޮޅުގައި ދެ ދަރިން ގޮވައިގެން ދިރިއުޅެލެވޭނެވަރުގެ އިމާރާތެއް ކުރިއެވެ. އަދި ދެދަރިން އޭނާގެ އަމިއްލަ ދެ ދަރިން ފަދައިން ބަލައިދިނެވެ. އަޅުގަނޑަށާއި މަންމައަށްވެސް އެހީތެރިވިއެވެ. ފިރިއެއްގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް އަދާކުރިއެވެ.  

ދެދަރިން ކިޔަވައި ނިމި ކައިވެނިކުރަން ކައިރިވެފައި ހުއްޓާ ދަރިންގެ ބައްޕަ އެނބުރިއައެވެ. ބުނީ ފަޤީރުވެ ނިކަމެތިވެއްޖެކަމަށެވެ. ކުރަމުން އައި ވިޔަފާރިވެސް ބަނގުރޫޓުވެއްޖެ ކަމަށެވެ. އަނބިމީހާވެސް ވަރިވެގެން ހިނގައްޖެ ކަމަށެވެ. ނަގާފައި ހުރި ލޯނުތައް ނުދެއްކިގެން ގެވެސް ނީލަންކިޔާ ހިސާބަށް ހިނގައްޖެކަމަށެވެ.  

އަޅުގަނޑަށް ބުނެވުނީ އަޅުގަޑުގެ އަތުގައި ދޭނެ ފައިސާއެއް ނެތްކަމަށެވެ. އަދި ދަރިންގެ އަތުގައިވެސް ފައިސާ ނެތްކަމަށެވެ. ދިމާވިގޮތާއިމެދު ހިތާމަކުރާ ކަމަށެވެ. ހެޔޮދުޢާކުރާ ކަމަށެވެ.  

އެހިސާބުން އޭނާ ބުނީ އަލުން އަޅުގަނޑާއި ގުޅެން ބޭނުން ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ހުއްދަކަމެއް ޙަރާމް ކުރަނީއެއް ނޫނެވެ. ނަމަވެސް ދުވަހަކުވެސް ކަލެއާއި ކައިވެނިކުރަން ބޭނުމެއް ނޫނެވެ. އެކަނި ދުނިޔޭގައި އުޅެން ޖެހުނު ނަމަވެސް ތިއަކަމެއް ނުކުރާނަމެވެ. އަދި މިހާރުގެ ފިރިމީހާފަދަ ހެޔޮލަފާ ފިރިއެއްގެ ގާތުން ވަރިވެ ކަލެއާއި ކައިވެނިކުރުން ވާނީ އަމިއްލަ ހަށިގަނޑުގައި އަމިއްލައަށް ހުޅު ރޯކުރުން ފަދަ ކަމަކަށެވެ. އަވަހަށް އެނބުރިދާށެވެ. ކަލޭދެކެ ލޯބިވީ އަނތބަކު އިންކަމާއި 2 ދަރިން ލިބިފައިވާކަން ތިއަހަނދާންވީ ކިތައް އަހަރުފަހުންކަން ނިކަން ހަނދާންކޮށްލައިބަލާށެވެ. މިހައިތަނަށް އަހަރެމެންގެމަތިން ހަނދާންނުކުރިފަދައިން ދެންވެސް އަހަރެމެންގެމަތިން ހަނދާން ނައްތައިލާށެވެ."  

ބޭންކުން އޭނާގެ ގެއާއި ގޯތި ނީލަންކިޔުމުން ގަތީ އަޅުގަނޑުގެ ފިރިމީހާއެވެ. ގަނެގެން އެގެއަށް ބަދަލުވީ ގެތަޅާލައި އަލުން ގެއެއް އަޅައިގެންނެވެ. އެގޭގައި ދިރިއުޅެންފެށިފަހުން ބައެއް ދުވަސްދުވަހު ހަވީރު އައިސް މަގުގެ އަނެއްފަރާތުގައި ގެއަށް ބަލަހައްޓައިގެން ހުރެހުރެފައި ހިނގައިދާނެއެވެ. އަޅައެއް ނުލަމެވެ. ދަރިންވެސް އަޅައެއް ނުލައެވެ. މީހުން ބުނަނީ އޭނާގެ ސިކުނޑި ހަމަނުޖެހޭ ކަމަށެވެ. 3 މައިންވެސް އޭނާއަށް ހެޔޮދުޢާކުރަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދަރިން ނިކަމެތިކުރާ މީހަކަށް ކޮންމެވެސް ދުވަހަކުން އެކަން ދައްކަވާނެއެވެ. އަދި ކިޔަމަންތެރި އަނބިން ހިތުގައި ޖައްސާ މީހުންނަށް އެއަށްވުރެ ބޮޑު ހިތްދަތިކަންވެސް ކުރިމަތިވާނެއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން