އަހުރެން ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށެވެ.
އެހެންވެ ދިރިއުޅެމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އަގުބޮޑު ފޭރާމެއް ނުލެވެއެވެ. ގަހަނާ އަޅައި ޒީނަތްތެރިއެއްވެސް ނުވެވެއެވެ. އަގުބޮޑު ސެންޓެއްވެސް ނުޖެހެއެވެ. އެއިގެ އިތުރުން އަހުރެންނަކީ މަސައްކަތްކުރަން ނޫން ގޮތަކަށް ގެއިން ބޭރަށް ގޮސްއުޅޭ އަންހެނަކީމެއްވެސް ނޫނެވެ. އެހެންވެ ފިރިހެނުންގެ ސަމާލުކަމެއް ނުލިބެއެވެ.
ހުރިހާ އެކުވެރިން ކައިވެނިކުރިއިރުވެސް ހުންނަން ޖެހުނީ ކައިވެނި ނުކުރެވިއެވެ. އެހެންވެ އެކުވެރިން މަލާމާތްކުރާކަންވެސް އެނގެއެވެ. ކައިވެނިކުރަންޖެހޭނީ ބޮޑު މުސްކުޅިއަކާއި ކަމަށްވެސް ބުނެއެވެ. ސަމާސައަށް ހަދާފައި ބުނާ އެފަދަ ބަސްތަކުން ވަރަށް އަސަރުކުރެއެވެ. އެކަމަކު ކަންބޮޑެއް ނުވަމެވެ. ﷲ އެކަން މިންވަރުކުރައްވަވާނެ ވަޤުތުގެ އިންތިޒާރުގައި ކެތްތެރިވެގެން ހުރީއެވެ.
އަހުރެން މަސައްކަތްކުރަނީ ކޮލެޖެއްގައި ކިޔަވައިދޭށެވެ. އެހެން އުޅުމުގެ ތެރޭގައި ދަރިވަރަކު އަހުރެންގެ ފަހަތުން އަޅުވައިލިއެވެ. އަހުރެން އޭނާއަށް ވިސްނައިދިނީމެވެ. އަހުރެންނަކީ ޢުމުރުން 35 އަހަރުގެ އަންހެނެއްކަމާއި އޭނާގެ ޢުމުރަކީ 27 އަހަރުކަމެވެ. އެވަރުންވެސް އޭނާ ދޫނުކުރުމުން ވާހަކަދައްކަން ފެށީމެވެ.
އޭނާ އަހުރެންނާއި އޭނާގެ މައިންބަފައިންނާއި ބައްދަލުކުރުވިއެވެ. އެމީހުން ތިބީ ރުހިގެންކަންވެސް ޘާބިތުކޮށްދިނެވެ. އަހުރެންގެ ކިބައިން އޭނާގެ މައިންބަފައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ ކައިވެނިކުރިޔަސް ދަރިފުޅަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދައިދިނުމަށެވެ. އެޝަރުޠު ޤަބޫލުކުރީމެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރެވުނެވެ. ކައިވެނިކުރުމަށްފަހު އޭނާ ނިންމީ ކިޔަވަން މެލޭސިޔާއަށް ބަދަލުވާށެވެ. މައިންބަފައިން އެކަމަށް ރުހި ތާއީދުކުރިއެވެ. އެހީތެރިވިއެވެ. މިއަދު 2 ދަރިން އެބަތިއްބެވެ. ދެމީހުންވެސް ކިތިބީ ޕީއެޗްޑީ ހަދައިގެންނެވެ. މަސައްކަތްކުރަނީ އޭނާގެ ބައްޕަގެ ގާތުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެ ސަބަބަކާއި ހުރެގެންނަމަވެސް ކައިވެނިކުރެވުން ލަސްވެދާނެއެވެ. އެމީހަކަށް މަލާމާތްނުކުރާށެވެ. ދެރަބަސް ނުބުނާށެވެ. އަނެކާއާއިމެދު ﷲ ތަޢާލާ ނިންމަވާފައިވާ ގޮތް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ ފަހުން ނަމަވެސް ލައްވަވާނެ ރަޙްމަތެއްވެސް ނުއެނގޭނެއެވެ.
- ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ