ގިނަ ދާއިރާތަކުން ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މޫސާ ރަމީޒް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން މޫސާ ރަމީޒަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރްޙޫމްގެ އާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް މޫސާ ރަމީޒަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. "ދުޢާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާއާއި ޚާއްޞަ މަޖިލިސްގެ އިތުރުން، ތަފާތު އެކި މަޤާމުތަކުގައި މުހިންމު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމު މޫސާ ރަމީޒަކީ، ކުޅަދާނަ ހިންގުންތެރިއެއް ކަމަށާއި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި ލޯބި ހޯއްދެވި ވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ދަފުތަރެއް އަންގާރަ ދުވަހުން ފެށިގެން 13 އެޕްރީލުގެ ނިޔަލަށް އެ ވުޒާރާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. މި ދަފުތަރުގައި ލިޔުއްވުމުގެ ވަގުތުތަކަކީ، ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން 14:00 އަށް ކަމަށްވެސް ވިދާޅުވިއެވެ.