ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ގައުމީ ބޭންކުން ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މުހިންމު ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަން ބޭންކުން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 585 މިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ބޭންކުން ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
ދުނިޔޭގެ މިހާރުގެ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގައި ބޭންކުން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. މީގެ އިތުރުން، ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އިސްދައުރެއް އަދާކުރަމުންދާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.