ތިނަދޫ ސިޓީގައި އަޅާ 200 ހައުސިން ޔުނިޓަށް 1022 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިނަދޫ ސިޓީގައި އަޅާ 200 ހައުސިން ޔުނިޓަށް 1022 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިފި

ގދ. ތިނަދޫ ސިޓީގައި އިމާރާތް ކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 1022 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައިފިއެވެ. ތިނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ތިނަދޫ ސިޓީގައި 200 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. ތިން ކޮޓަރީގެ މި ރޯހައުސްތަކަށް ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިމުމާއެކު، ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި އެ ވުޒާރާއިން އާންމުކޮށް އިޢުލާނު ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގެދޮރުވެރިކަމުގެ ދަތިކަން ބޮޑުވެފައިވާ ތިނަދޫގައި އިތުރު 50 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްވެސް މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ވަނީ ފަށާފައެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި މިހާރު ކުރިއަށްދާ ހައުސިން މަޝްރޫޢުތައް ނިމުމާއެކު، ތިނަދޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން