ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން، މި އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 585 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 407 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 43 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުމަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަން ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ސަރުކާރުން ވަނީ 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބަދަލު ގެންނަވާފައެވެ. އެގޮތުން، ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް، އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މުހިންމު މަޝްރޫޢުތަކަށް ޚަރަދު ކުރުމަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުން، ގޮނޑުދޮށް ހިމާޔަތްކުރުން، އަދި ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ފަދަ ތިމާވެށީގެ ދެމެހެއްޓެނިވި މަސައްކަތްތައް ހިމެނެއެވެ.