ބޭނުންވާ ބޭސްތައް ދެނެގަނެ، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ. ޝާހު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބޭނުންވާ ބޭސްތައް ދެނެގަނެ، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ. ޝާހު

ޑޮކްޓަރުންނާއި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް ދެނެގަނެ އެ ބޭސްތައް ރާއްޖެއިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުގެ ބޭސް ކުންފުނިން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ދައުލަތުގެ މީޑިއާއަށް ދެއްވި މައުލޫމާތެއްގައެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމަތުދެއްވަމުން ޑރ. ޝާހް މާހިރު ވިދާޅުވީ ކުންފުނި އުފެދުނު ފަހުން މަސައްކަތްތައް ފަށައިގަތުމަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ އޮފީސް ނިންމާ، މުވައްޒަފުން ނެގުމާއި، ބޭސް ރައްކާކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މިންގަނޑުތަކަށް ފެތޭ ހާއްސަ ގުދަނެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުންފުނީގެ ޕޮލިސީތަކާއި މަސައްކަތް ކުރާނެ އެސްއޯޕީތައް އެކުލަވާލައި، ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެނެގަތުމަށްޓަކައި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، ފެންވަރު ރަނގަޅު ބޭސް ހޯދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ބަލިމީހުންނަށް ބޭނުންވާ ބޭސްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ބޭސް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، "ކޮލިޓީ މެއިންޓެއިން ކުރެވެނީ ވަރަށް ގިނަ ކަންތައްތަކަށް ބަލާފައި. ދެން އެމްއެފްޑީއޭއާއެކުވެސް ގިނަ މަސައްކަތްތައް އެބަކުރެވޭ. އެއީ ރާއްޖެއަށް ދިމާވާ އެއް މައްސަލައަކީ ރާއްޖެ ކުޑަ ޤައުމަކަށްވެފައި ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ކުއަންޓިޓީ އަދަދު މަދުވޭ. ހާއްސަކޮށް ރާއްޖެއަށް ފޮނުވާކަށް ބޭހެއް އުފައްދާފައިއެއް ނުއެއް ހުރޭ،" ކަމަށެވެ.

ޝާހު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭސް ގެންނަން ޖެހެނީ އެހެން ގައުމުތަކަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ ބޭހުގެ ތެރެއިން ބައެއް ކަމަށާއި، އެފަދަ ބޭސްތައް ގެންނައިރު ބޭނުންވާ ސެޓްފިކެޓްތައް ހޯދުމުގައި ދަތިތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ބަލައި، އެމްއެފްޑީއޭއާ ގުޅިގެން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މިއަދު އޮންލައިން