58 ރަށުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
58 ރަށުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ރާއްޖޭގެ 20 ރަށެއްގެ މަސައްކަތް ނިމި، އިތުރު 58 ރަށުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. މި މަސައްކަތްތަކަކީ ރަށު ފެންވަރާ ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަށީގެންވާ ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމަށް "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ޤައުމީ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ރަށްރަށުގައި އުފެދޭ ކުނި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް އެކަށީގެންވާ ކުނި މެނޭޖުކުރާ މަރުކަޒު އަދި ވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ފާހަގަކުރައްވާފައެވެ. މިއީ ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 20 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ 58 ރަށުގެ މަސައްކަތްތައް އެކި މަރުޚަލާތަކުގައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މީގެ ކުރިން އެކި ރަށްތަކުގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން އެ މަރުކަޒުތައް ސަރުކާރުން ޤަބޫލުކުރާ މިންގަނޑުތަކަށް ފެއްތުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން