މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި އެވެ. އެ ކުންފުނިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މާރިޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު އެކުންފުންޏަށް ލިބެނީ 14.32ރ. އަށެވެ. ތެލުގެ އަގަށް އައި މި ބޮޑު ބަދަލަކީ މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވި މައިގަނޑު އެއް ސަބަބެވެ.
މަސްދަޅުގެ އަގަށް އައި ބަދަލާއެކު މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50ރ. އަށެވެ. މިއީ ކުރީގެ އަގަށްވުރެ އެއް ރުފިޔާގެ ބޮޑުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއްގެ އަގު ވަނީ 800ރ. އަށް އުފުލިފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް، ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.