މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ކުޑަކުރުމަށް ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ޚަރަދު ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ. މި ނިންމުމުގެ ދަށުން ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ (Work from Home) ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ޕީޖީ އޮފީހުން ވަނީ މުހިންމު ފަސް ކަމެއް ތަންފީޒުކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކޮށް ކަރަންޓު ބޭނުންކުރުން އިގްތިސާދު ކުރުން ހިމެނެއެވެ. މީގެ އިތުރުން ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އަންގާރަ ދުވަސްތަކުގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ހާޒިރުވާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ޕްރޮސިކިއުޓަރުން ގަވާއިދުން ހާޒިރުވަމުންދާނެ ކަމުގެ ޔަގީންކަން އެ އޮފީހުން ދެއެވެ.
ބައްދަލުވުންތަކާ ގުޅޭގޮތުން އެ އޮފީހުން ފާހަގަކުރީ، އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ފަދަ މުހިންމު ބައްދަލުވުންތަކާއި، އޮންލައިންކޮށް ބޭއްވުމުން ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ކުރިއެކޭވެސް އެއްގޮތަށް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ކަރަންޓު ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމަށް ވަނީ ނިންމާފައެވެ. އަދި އޮފީސް ބަންދުކުރާ ގަޑި އިރުއޮއްސި 18:00 އަށް އަވަސްކުރުމަށްވެސް ޕީޖީ އޮފީހުން ވަނީ ކަނޑައަޅާފައެވެ.