މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގު ބޮޑުނުކޮށް، ކުރިން އޮތް އަގުގައި ދެމެހެއްޓުމަށް އެ ކުންފުނިން މިއަދު ނިންމައިފިއެވެ.
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު އެ ކުންފުނިން ބަދަލުތަކެއް ގެނައި ނަމަވެސް، އެ ނިންމުން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. މިފްކޯއިން ހާމަކުރި ގޮތުގައި މި ބަދަލު ގެނައުމަށް ނިންމީ، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
މި ނިންމުމާއެކު، މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް ލިބޭނެއެވެ. އަދި ތެޔޮމަސްދަޅު ކޭހެއް ވިއްކާނީ 760 ރުފިޔާއަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިފްކޯއިން އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. މިއަދު އަގަށް ގެނައި ބަދަލު އަނބުރާ ގެންދިއުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.