ޢިބްރަތްތެރި ވާހަކަ: އެކަނިވެރިވާންޖެހުނަސް ރަނގަޅު ގޮތުގަ ހުރެއްޖެނަމަ މާރަނގަޅު ފިރިއަކު ލިބޭނެކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޢިބްރަތްތެރި ވާހަކަ: އެކަނިވެރިވާންޖެހުނަސް ރަނގަޅު ގޮތުގަ ހުރެއްޖެނަމަ މާރަނގަޅު ފިރިއަކު ލިބޭނެކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

އެއީ އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅި އެކަނި ދިރިއުޅެމުން އައިދުވަސްވަރެވެ. އަޅުގަނޑަކީ ވަޒީފާ އަދާކުރަމުން އެކަނި ދިރިއުޅޭ އަންހެނަކީމެވެ. ދިރިއުޅެނީ ހިޔާ ފްލެޓުގައެވެ. އެއްރޭ އެކުވެރި ކުދިންކޮޅަކާއިއެކު ޖެހިގެންހުރި ބްލޮކުގައި ވަޤުތު ހޭދަކޮށްލާފައި އެނބުރި އައިރު ފެނުނު ޒުވާނެކެވެ. ފެންނަ ފެނުމުގައި މަޑުމައިތިރި ސިފަތައްހުރި ޒުވާނެކެވެ. ކޮނޑުގައި ކުޑަ ދަބަހެއް އޮތެވެ. ހުރީ ވަރަށް ދެރަވެފައެވެ.  

އޭނާ އެހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގައިހެން ހީވެގެން ގޮވައިލީމެވެ. ގާތަށް އައުމުން ތިއަހުރީ އެއްވެސް ކަމަކާއި ކަންބޮޑުވެގެންތޯ ސުވާލުކުރީމެވެ. "އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރޭގެ ރަށަކަށެވެ. ފޭސްބުކުގެ އެކުވެރިއަކު ވަރަށް މުސާރަ ބޮޑު ރިޒޯޓަކުން ވަޒިފާ ހަމަޖައްސައިދޭނެކަމަށްބުނީމާ އަވަހަށް އަންނަންވެގެން މިއައީ ފްލައިޓުގައެވެ. އެކަމަކު އޭނާ ދިން ނަންބަރަށް ގުޅާގުޅައިވެސް ފޯނެއް ނުނެގިއެވެ. މިހިސާބުގައި މިއެނބުރެނީ ރަށު ބައަކު މިބްލޮކުގައި އުޅޭކަމަށް އެނގިފައި އޮތީމާ އެމީހުންނާ ބައްދަލުވެތޯއެވެ."  

އަޅުގަނޑު އުޅެނީ އެކަނިކަމަށްވެފައި އެއީ ޒުވާން ފިރިހެނަކަށްވުމުން ވިސްނައިލީމެވެ. ޖެހިލުންވެ ހުރެވެސް އެކުގައި އަންނަން ބުނެ ފްލެޓަށް ގެންދިއައީމެވެ. ކޮޓަރިއަށް ވަދެ ފެންވަރައިގެން ނުކުންނަން ބުނީމެވެ. ކާންވެސް ދިނީމެވެ. އެކުގައި ވާހަކަދައްކާލަންވެސް މަޑުކޮށްލީމެވެ.  

މައިންބަފައިން މަރުވެފައިވާ ނިކަމެތި ކުއްޖެއްކަން އެނގުމުން އެހީތެރިވެދޭން ނިންމީއެވެ. އޭނާ އެބުނި ރިޒޯޓުގެ އެޗްއާރުގައި މަސައްކަތްކުރާ އެކަކީ އަޅުގަނޑުގެ އެކުވެރިއެކެވެ. އެހެންވެ އޭނާއަށް ގުޅާފައި އެވާހަކަ ކިޔައިދިނީމެވެ. އޭނާބުނީ މިވަޤުތު ހުސްވަޒީފާއެއް ނެތްކަމަށާއި ނަމަވެސް ހަފްތާއެއް ފަހުން ވަޒީފާއެއް ހަމަޖައްސައިދެވިދާނެ ކަމަށެވެ. އެހެން ބުނުމުން އޭނާގެ ގާތުގައި މަޑުކޮށްލައިގެން ހުރުމަށް ބުނީމެވެ.  

އެކުވެރިޔާ ވަޒީފާ ހަމަޖައްސައިދިނުމުން ވަޒީފާގައި ފުރަން ލޯންޗަށްވެސް ގެންގޮސްދިނީމެވެ. އެއިރު ދެމީހުން ތިބީ ގާތް އެކުވެރިންނަށްވެފައެވެ. އެއިރު އަހުރެންގެ ހިތުން އޭނާއަށް ވަނީ މަޤާމެއްވެސް ދެވިފައެވެ. އެކަމަކު އެވާހަކައެއް ނުބުނަމެވެ.  

ކޮންމެ ދުވަހަކުވެސް އެޒުވާނާ ގުޅައެވެ. އަހުރެން ވާހަކަދައްކަމެވެ. ދުވަސްކޮޅެއްފަހުން އަހުރެންވެސް ގުޅަމެވެ. އެގޮތަށް ދެމަސްވަރުވީތަނާ އޮފްޑޭއަށް މާލެއަންނަކަމަށް ބުނުމުން ފްލެޓަށް އަންނަން ބުނީމެވެ.  

އޭނާ ފުތަމަވެސް އަހުރެންގެ އަތަށް ދިނީ ޑޮލަރުތަކެކެވެ. ބުނީ ތިއައީ ފުރަތަމަ މަހުގެ މުސާރަކަމަށެވެ. ކޮށްދިން ކަންތަކަށް ހަދިޔާއެއްގެ ގޮތުން ދިނީ ކަމަށެވެ. އަހުރެން ބުނީ އަހުރެންވެސް ވަޒިފާއަދާކުރާކަމަށާއި ރަނގަޅު މުސާރައެއްވެސް ލިބޭތީ ފައިސާ ބޭނުން ނޫންކަމަށެވެ. ފައިސާ އެކައުންޓަށް ޖަމާކޮށް އެއްކުރުމަށެވެ. ގިނަވުމުން ރަނގަޅު ބޭނުމެއް ހިފަން ބެހެއްޓުމަށެވެ.  

ކުރުކޮށްލާނަމެވެ. އަހަރެއްވީފަހުން ދެމީހުން ކައިވެނިކުރީއެވެ. އޭނާ އަހުރެންނަށްވުރެ 5 އަހަރު ހަގެވެ. އެކަމަކު ފިރިއެއްގެ ގޮތުން ވަރަށް ރަނގަޅު ފިރިއެކެވެ. ކައިވެންޏަށްފަހު އޭނާގެ ފައިސާއިން މިހާރުވަނީ ހުޅުމާލޭގައި ވިޔަފާރިއެއްވެސް ފަށައިފައެވެ. ދެމީހުން ގުޅިގެން ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލުމުގެ ބޭނުމަކީ ދަތިޙާލެއްގައި ހުރި މީހަކު ފެނިއްޖެނަމަ އެހީތެރިވެދިނުމަށް ބުނުމަށެވެ. ހެޔޮނިޔަތުގައި އެކަން ކުރީމާ ކުރާނެ ފައިދާ ފެންނާނެ ކަމަށް ބުނުމަށެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. ފުރަތަމަ ފިރިމީހާ އަޅުގަނޑު ވަރިކުރުމުން ހުރިހާ އެކުވެރިންވެސް ނަބީޙަތްދެމުން އައީ ފިރިއަކު ހޯދަން ނުކުތުމަށެވެ. އެކަމަށް އިންކާރުކުރީމެވެ. ޔަޤީންކޮށްގެން ހުރީ އެގޮތަށް ނުއުޅުނަސް ރަނގަޅު ފިރިއަކު ލިބޭނެ ކަމަށެވެ. އަޅުގަނޑަށްވެސް މިވަނީ ފިރިހެނުން ތެރެއަށް ނުކުމެ މަސްހުނި ނުވިޔަސް ރަނގަޅު ބައިވެރިއަކު ލިބޭނެކަން ތަޖުރިބާކުރެވިފައެވެ. ހަމަ ޤައިމުވެސް ކައިވެނީގެ ކުރިން ދެމީހުން ގައިގަ ބީހިވެސް ނުލަމެވެ.

 

- ޝިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން