ލާމު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ދޭ އަގުތައް އިއުލާންކޮށް، މާދަމާއިން ފެށިގެން އަގު ނަގައިގެން ދަތުރުތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. ލ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް، ލ. އަތޮޅުގައިވެސް އާރްޓީއެލް ދަތުރުގެ ފުރަތަމަ ހަފްތާ ކުރިއަށްގެންދިޔައީ އެއްވެސް އަގަކާ ނުލައި، ތަޖުރިބާ ދަތުރުތަކެއްގެ ގޮތުގައެވެ. މިއީ ރޫޓުތައް ތަޖުރިބާކުރުމާއި ޚިދުމަތް ހޯދުމުގައި އާއްމުންގެ ޚިޔާލު ހޯދައި، ބަދަލެއް ގެންނަން ފެންނަ ނަމަ އެކަމަށް މަގުފަހިކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާއެކެވެ.
ލ. އަތޮޅުގައި މާދަމާއިން ފެށިގެން ޚިދުމަތަށް އަގު ނަގަން ފަށާއިރު، މި ޚިދުމަތަށް އަގު ކަނޑައަޅާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. އަގުތައް ކަނޑައެޅުމުގައި ބަލާފައިވަނީ ދަތުރުކުރާ ރޫޓުތަކާއި ދަތުރުގެ ދިގުމިނަށެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އަގުތަކަށް ބަލާއިރު، އެންމެ ކައިރި ރަށްތަކަށް ކުރާ ދަތުރުތަކަށް ކޮޅަކަށް 35 ރުފިޔާ ނަގާނެއެވެ. އަދި އެންމެ ދުރު ރަށްތަކަށް ކުރާ ދަތުރުތަކަށް ކޮޅަކަށް 125 ރުފިޔާ ނަގާނެއެވެ. ނަމަވެސް ދެކޮޅަށް ޓިކެޓް ނަގާ ފަރާތްތަކަށް އަގުތައް ހެޔޮވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އާރްޓީއެލް ފެރީގެ ޓިކެޓު ނެގޭނީ އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މީގެ އިތުރުން އެކި ރޫޓުތަކުން ރަށްރަށަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ ތަފްސީލީ އަގުތައްވެސް އެޕްލިކޭޝަން މެދުވެރިކޮށް އާއްމުންނަށް ބަލާލެވޭނެއެވެ.