ތ.ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތ.ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ތ. ވޭމަންޑޫގެ ބިން ހިއްކުމަށް ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމާލައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ވޭމަންޑޫއިން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ސަރަޙައްދު ހިއްކުމަށްޓަކައި 882,693 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ އެންމެ 23 ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ. ރައީސް ވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާލެވުނުކަން ފާހަގަކުރައްވާފައެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. މި މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢު ނިމުމާއެކު، ވޭމަންޑޫގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން