ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ޞިއްޙި ނިޒާމް ދެމެހެއްޓުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ޞިއްޙި ނިޒާމް ދެމެހެއްޓުން: ވަޒީރު

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ރާއްޖޭގެ ޞިއްޙި ނިޒާމް ދެމެހެއްޓުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން އާއްމުކުރެއްވި ޚިތާބުގައެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސައިންސުގެ އެހީގައި ޞިއްޙަތަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ބާރުއަޅާ" މި ޝިއާރެވެ. ވަޒީރުގެ ޚިތާބުގައި ވިދާޅުވީ، މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކަށް ބެލުމުން ވެސް ފެނިގެންދަނީ، ސައިންސުގެ އަލީގައި ޞިއްޙީ ޚިދުމަތާއި ފަރުވާ ބައްޓަންކުރުމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޕްރައިމަރީ ހެލްތު ކެއަރ އާއި ޕްރިވެންޓިވް ކެއަރގެ އިތުރުން، ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމުގެ މަސައްކަތްތައް ބިނާވެފައިވަނީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށެވެ. މީގެ އިތުރުން އެންޓި މައިކްރޯބިއަލް ރެސިސްޓެންސްއިން އަރައިގަތުމާއި، ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުމުގެ އިތުރުން، ޓެލެމެޑިސިންއާއި ޓެލެހެލްތު ފަދަ ޒަމާނީ ޚިދުމަތްތައް ބިނާވެފައިވަނީ ސާބިތުހިފޭ މެޑިކަލް ސައިންސްގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "ޞިއްޙީ ނިޒާމް ތަރައްޤީކުރުމަށް ސަރުކާރުން ދާނީ އަބަދުވެސް މަސައްކަތް ކުރަމުން. މިގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދުމާއި މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާއި ކުރާ ހޭދަ މިދަނީ އިތުރުކުރަމުން،" ކަމަށެވެ.

ވަޒީރު ނާޒިމްގެ ޚިތާބު ނިންމަވާލެއްވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އަމާޒަކީ ސައިންސާއި ޓެކްނޮލޮޖީއަށް ބަރޯސާވެ، މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށްގެން ރައްޔިތުންގެ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި މި ދާއިރާ ދެމެހެއްޓުން ކަމަށް ވިދާޅުވަމުންނެވެ.

މިއަދު އޮންލައިން