ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ސައްޔިދު ސަލާޙުއްދީން އަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަރޝިޕް ސައްޔިދު ސަލާޙުއްދީން އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓަކަށް ސަރފިންގ އެތުލީޓު ސައްޔިދު ސަލާޙުއްދީން ހޮވައިފިއެވެ. މިއީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދުގެ ތަމްރީނުތައް ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް އޭނާއަށް ލިބޭނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނާއި މުބާރާތްތަކަށް ބޭނުންވާ އިކުއިޕްމެންޓް ބޭންކުން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕަށް އެތުލީޓުން ހޮވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކޮމިޓީންނެވެ. ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕްގެ ދަށުން އެތުލީޓުންނަށް ދުނިޔޭގެ ފެންވަރުގެ ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 8 އެތުލީޓުންނަށް ތަމްރީނުގެ ފުރުސަތު ދީފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭޝަންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ބޭންކުން ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ވަނީ ޚާއްސަ އެވޯޑެއްވެސް އަރުވާފައެވެ.

މިއަދު އޮންލައިން