ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. މިއީ އެ ރަށުގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢާ ގުޅޭގޮތުން އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަސައްކަތަށް ޖުމްލަ 53,965,168.00 (ފަންސާސް ތިން މިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ފަސް ހާސް އެއްސަތޭކަ ފަސްދޮޅަސް އަށެއް) ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މީދޫގެ ޖުމްލަ 10 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތާރު އަޅައިގެން ތަރައްޤީ ކުރާ 8 މަގަކާއި، ގައު އަތުރައިގެން ހަދާ 2 މަގެއް ހިމެނެއެވެ. ޖުމްލަ 3.8 ކިލޯ މީޓަރުގެ ދިގުމިނުގެ މި މަގުތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މީދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތައް ނިމޭއިރު މަގުބައްތި ޖެހުމާއި، ކޭބަލްތައް ވަޅުލުމަށް ބޭނުންވާ ޖަންކްޝަންތަކާއި، ހޮޅިލައިންތައް ފަދަ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.