ފަތުރުވެރިކަމުގެ ދާއިރާއަށް ފައިނޭންސިން ލިމިޓް އިތުރުކޮށްދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަށް: އެސްއެމްއީ ޑިޖިޓަލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ފަތުރުވެރިކަމުގެ ދާއިރާއަށް ފައިނޭންސިން ލިމިޓް އިތުރުކޮށްދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރި ކުރުމަށް: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލްއިން ފަތުރުވެރިކަމުގެ ދާއިރާއަށް ފައިނޭންސިން ލިމިޓް އިތުރުކޮށްދީފައިވަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، އެފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބަދަލާއެކު ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީގެ ލިމިޓް މިހާރު ވަނީ 10 މިލިޔަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިޖިޓަލް (ކުރީގެ އެސްޑީއެފްސީ) އަށް 7 އަހަރު ފުރުމާ ގުޅިގެން، އެ ކުންފުނިން ވަނީ ހާސިލްކޮށްފައިވާ މުހިންމު ކާމިޔާބީތައް ހިއްސާކޮށްފައެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުވެފައިވާ މި ކުންފުނީގެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ވިޔަފާރިތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ފުޅާކުރުމެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ފެށުމަށް ކުރިން އޮތް 5 މިލިޔަން ރުފިޔާގެ ލިމިޓަކީ މަޝްރޫޢުތައް ނިންމުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެގޮތުން، ލިމިޓް ކުޑަވުމުގެ ސަބަބުން ބައެއް މަޝްރޫޢުތައް މެދުތެރެއިން ހުއްޓޭގޮތް މެދުވެރިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދެން މިވާގޮތަކީ 5 މިލިޔަނުގެ ލިމިޓެއް އިންނާތީ ބައެއް ބޭފުޅުން އެ ހަދަން ތަންކޮޅެއް ޚަރަދު ކުޑަކޮށް ގެންދަން ބަދަލުތަކެއް ގެނޭ. އެހެނަސް ކޮސްޓް އެސްކަލޭޝަން ފަދަ ކަންކަމުގެ ތެރެއިން ޚަރަދުތައް އިތުރުވޭ. އެހެންވެ އެއްކަލަ މަޝްރޫޢު 5 މިލިޔަނުން ނުނިމޭ،" ބަދުރުއްދީން ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ، މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ކުންފުންޏަށްވެސް ލިބޭ ގެއްލުމެއް ކަމަށެވެ. އެއީ މަޝްރޫޢު ނުނިމި އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން، ލޯނު އަނބުރާ ދެއްކުމަށް ދަތިވެ ޑިފޯލްޓްވާން މެދުވެރިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ލިމިޓް 10 މިލިޔަނަށް ބޮޑުކުރުމަކީ މިފަދަ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

މިއަދު އޮންލައިން