ސިމެންތި ގެނައުމުގައި ދަތިކަމެއް ދިމާވެއްޖެނަމަ ބަދަލުގައި 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަމަޖެހިފައި: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސިމެންތި ގެނައުމުގައި ދަތިކަމެއް ދިމާވެއްޖެނަމަ ބަދަލުގައި 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަމަޖެހިފައި: ވަޒީރު ސަޢީދު

ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭނުންކުރެވޭނެ އިތުރު ހަތަރު ސަޕްލަޔަރަކު މިހާރުވެސް ހަމަޖެހިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު ވިދާޅުވީ، ދޭތެރެއަކުން ބާޒާރުގައި ސިމެންތި ނުލިބިގެން ދިމާވާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކޮމިޓީން ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެސްޓީއޯ މެދުވެރިކޮށް އާންމުކޮށް ސިމެންތި ގެންނަ މާކެޓުތަކުން ސިމެންތި ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "ސިމެންތި މިހާރުވެސް ގެންނަ މާކެޓުން ރާއްޖެއަށް ސިމެންތި ގެނައުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތަކަށްވެސް ވިސްނައިގެން މަސައްކަތް ކުރެވުނީ. އެހެންކަމުން މިހާރުވެސް ބަދަލުގައި ބޭނުންކުރެވޭނެ އިތުރު 4 ސަޕްލަޔަރަކު މިހާރުވެސް ވަނީ ހަަމަޖެހިފައި،" ކަމަށެވެ.

މި މަސައްކަތަކީ ޚާރިޖީ ވުޒާރާއާއި ގުޅިގެން ކުރެވުނު މަސައްކަތެއްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މީގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުން ކަމަށެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ސައީދު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން