ޒުވާނުންނާ ގުޅިގެން ދިރާސާތައްކޮށް ދަނޑުވެރިކަން ކުރިއެރުވުމަކީ އަމާޒެއް: ވަޒީރު މާރިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޒުވާނުންނާ ގުޅިގެން ދިރާސާތައްކޮށް ދަނޑުވެރިކަން ކުރިއެރުވުމަކީ އަމާޒެއް: ވަޒީރު މާރިޔާ

ޒުވާނުންނާ ގުޅިގެން ސައިންޓިފިކް ދިރާސާތައްކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" މިއެވެ. މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ އިންސާނުންނާއި، ދިރޭތަކެއްޗާއި، އަދި ތިމާވެށީގެ ޞިއްޙަތު ރައްކާތެރި ކުރުމަށްޓަކައި ސައިންސްގެ އަލީގައި ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމެވެ.

ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މާރިޔާ ފާހަގަކުރެއްވި ގޮތުގައި، ޞިއްޙަތު ރަނގަޅު ދިރިއުޅުމެއް ބިނާކުރެވޭނީ ސައިންސަށް ބިނާވެ، ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތްތަކުންނެވެ. މި މަސައްކަތުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން ނުހަނު ބޭނުންތެރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ ދާއިރާ އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ޒުވާނުންގެ އާބަދަލުތަކާއި، ތަފާތު ޚިޔާލުތަކާއި، އަދި އެކުދިންގެ ހަކަތަ ބޭނުންވާ ކަމަށެވެ. އެހެންކަމުން، ގިނަ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ވަޒީރު ވަނީ ބާރުއަޅުއްވާފައެވެ.

މި އަމާޒުގެ ދަށުން، ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ދަނޑުވެރިކަން ތަރައްގީކޮށް، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން