އިންތިޚާބުގައި %73 މީހުން ވޯޓުލާން ނިކުތުމުން ދައްކުވައިދެނީ، ދައުލަތުގެ މުޢައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު: ޚަލީލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިންތިޚާބުގައި %73 މީހުން ވޯޓުލާން ނިކުތުމުން ދައްކުވައިދެނީ، ދައުލަތުގެ މުޢައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު: ޚަލީލް

މިފަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވޯޓުލާން ނިކުމެފައިވާއިރު، މިއީ ކައުންސިލް އިންތިޚާބެއްގައި ނިސްބަތުން ވޯޓުލުމަށް އެންމެ ގިނަ މީހުން ނިކުތް ފަހަރު ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިކަމުން ހާމަވަނީ ދައުލަތުގެ މުޢައްސަސާތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުކަން ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ، މިފަހަރުގެ އިންތިޚާބު އެއްވެސް މައްސަލައެއް ނުޖެހި، އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. މިއީ ދިމިޤުރާތީ ހިންގުމާއި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން މެދުނުކެނޑި ކުރަމުންދާ މަސައްކަތާއި ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ހުރިހާ ރައްޔިތުން ޝާމިލްވާ ފަދަ ތަރައްޤީއެއް ޤައުމަށް ގެނެސްދިނުމަށް ކަމަށެވެ. މި އިންތިޚާބުގެ ކާމިޔާބީއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ.

މި އިންތިޚާބުގެ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރި ބައިނަލްއަޤްވާމީ އޮބްޒާވަރުންވެސް ވަނީ އެކަމަށް ތަޢުރީފް ކުރައްވާފައެވެ. އޮބްޒާވަރުންގެ ޓީމުން ބުނި ގޮތުގައި، އެ ޓީމުގެ މެންބަރުން ރާއްޖޭގެ އުތުރުން ދެކުނަށް އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ، ވޯޓުލާން ފެށީއްސުރެ ވޯޓު ގުނުމާ ހަމައަށް ކަންކަން ހިނގި ގޮތް ވަނީ ބަލާފައެވެ.

ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުމްލަކޮށް ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް އަމާން އަދި ދެފުށް ފެންނަ މާހައުލެއްގައެވެ. މިއީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން އަންނަނީ ސިފަކުރަމުންނެވެ.

މިއަދު އޮންލައިން