ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ. މިއީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން މިހާރު ކުރިއަށްދަނީ 4 ސެގްމެންޓެއްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަހައްދެކެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

މި މަސައްކަތަށްޓަކައި މާދަމާ އިން ފެށިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި، އެ މަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެހެންކަމުން އެ ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗްތައް ހުސްކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކޮށް، ކުރިއަށްވުރެ ފުޅާވާނެ ގޮތަށެވެ. މި މަސައްކަތް ކުރިއަށްދަނީ މީގެ ކުރިން ނިންމާލި ދެ ސެގްމެންޓުގެ ފަރުމާއާ އެއްގޮތަށެވެ. މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ޝީޓް ޕައިލް ކުރުމާއި ސައިޑް ވޯކް ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިންމާލާފައެވެ.

މިއަދު އޮންލައިން