"ސީފުޑް ވޮޗް ރޭޓިންގްސް" ރާއްޖެއަށް ލިބުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ހަރުދަނާކަމާއި ކާމިޔާބުކަން ސާބިތުކޮށްދޭކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗް ޕްރޮގްރާމުން ރާއްޖެއަށް މި ރޭޓިންގްސް ދީފައިވަނީ ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ދެވޭ ފުރަތަމަ ރޭޓިންގްސްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން ވަޒީރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިޔާސަތުތަކާއި ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ކުރާ މަސައްކަތަށް ބައިނަލްއަޤުވާމީ މައިދާނުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއިން ހޯދި ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދާދިފަހުން ރާއްޖޭގެ ރީނދޫ އުރަހަ ކަނޑުމަހުގެ މަސްވެރިކަމަށް އެމް.އެސް.ސީ ސެޓިފިކޭޝަން ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ދޮށީގެ މަސްވެރިކަމާއި އަތުނޫނުގެ މަސްވެރިކަން ހިމެނޭއިރު، ފެއަރ ޓްރޭޑް ސެޓިފިކޭޝަނާއެކު ރާއްޖޭގެ މުޅި މަސްވެރި އުޅަނދުފަހަރަކީ މިހާރު އެމް.އެސް.ސީ ސެޓިފައިޑް އުޅަނދުފަހަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ސަގާފީ މަސްވެރިކަމުގެ އުސޫލުތަކުގެ ވަރުގަދަކަމާއި އިތުބާރު. މިއީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ހާމަކޮށްދޭ ކަމެއް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަސްވެރިކަމުގެ ޚާއްޞަ ސިފަތައް ދަމަހައްޓައި، އެ މަޤާމު އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނާއި، ސިނާޢަތުގެ ބައިވެރިންނާއި، ސައިންސްވެރިންނާ ގުޅިގެން ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.