މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ކްލައިމެޓް-އިންޑިއުސްޑް ވޯޓަރ ސެކިއުރިޓީ އިން އެޓޯލް ނޭޝަންސް ފޯރަމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ފޯރަމް ކުރިއަށްދަނީ މި މަހުގެ 7 އިން 9 އަށް ބާސެލޯ ނަސަންދުރާގައެވެ.
މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މުހިންމު ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ފެނުގެ ދަތިކަމާއި، ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދުމެވެ.
މި ފޯރަމްގައި ރާއްޖޭގެ އިތުރުން ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް އަދި ޓޮކެލާއު ފަދަ ޖަޒީރާ ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ތަރައްގީގެ ބައިވެރިންނާއި، ތިމާވެށީގެ ދާއިރާގެ ފަންނީ މާހިރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެ، އެ ގައުމުތަކަށް ކުރިމަތިވެފައިވާ ތަޖުރިބާތައް ހިއްސާކުރައްވާނެއެވެ.
ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި ފަންނީ އެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ސެޝަންތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ފެނުގެ ނިޒާމުތައް ގާއިމުކުރުމާއި، މިދާއިރާއިން ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.