އީ-އިންވޮއިސް ސިސްޓަމުގެ މަސައްކަތް މިއަަހަރުގެ ތެރޭގައި ނިންމާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އީ-އިންވޮއިސް ސިސްޓަމުގެ މަސައްކަތް މިއަަހަރުގެ ތެރޭގައި ނިންމާލަނީ

ޓެކްސް ދައްކާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްޓަކައި ތައާރަފްކުރާ އީ-އިންވޮއިސް ސިސްޓަމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ، އީ-އިންވޮއިސް ސިސްޓަމަކީ ޓެކްސް ދައްކާ ފަރާތްތަކުން ގެންގުޅޭ ހުރިހާ ލިޔެކިޔުންތަކާއި މުއާމަލާތްތައް ސީދާގޮތުން މީރާއަށް ބެލޭނެ ނިޒާމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޓެކްސް ނިޒާމުތަކުގައިވެސް ބޭނުންކުރަމުންދާ އެންމެ ފުރިހަމަ އެއް ސިސްޓަމްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީޒާ ވިދާޅުވީ، "މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ފްލިމިނަރީ ރިވިއުއެއް ހަދާ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ މޮޑެލްއަކީ ކޮބާތޯ ބަލާ ދިރާސާތައްކޮށް، އަދި އަޅުގަނޑުމެން މިކަމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ތައްޔާރުވެ މިއަހަރުގެ ތެރޭގައި މި މަސައްކަތް ފަށާ، ނިންމާލުން،" ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ނިޒާމު ތަންފީޒުކުރެވޭނެ މަގުސަދުގައި ކުރަންޖެހޭ މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީރާއިން ސިފަކުރާ ގޮތުގައި މިއީ ޓެކްސް ނިޒާމު ތަރައްޤީކުރުމުގެ އެންމެ އުސްމިންގަނޑަށް ބަލާއިރު ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. އީ-އިންވޮއިސް ނިޒާމު ތައާރަފްވުމުން ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބި، މުޅި ޕްރޮސެސް މިހާރަށްވުރެ ބޮޑަށް ހަލުވިވެގެންދާނެ ކަމަށް އެ އޮތޯރިޓީން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން