ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފި

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް، އާންމުންނަށް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަލަށް ގެނައި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ދަތިކަމެއް ނެތި ލިބޭނެ ކަމަށެވެ. މިއީ ރާއްޖޭގައި ކައްކާ ގޭހުގެ ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ގެނެވުނު މުހިންމު ޝިޕްމަންޓެކެވެ.

ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ވަގުތީ ގޮތުން ލިމިޓްކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓްތައް ލިބެންފެށުމާއެކު، މިހާރު ކުރިއެކޭ އެއްގޮތަށް ހުރިހާ ސައިޒެއްގެ ގޭސް ފުޅި ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.

އެސްޓީއޯއިން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. "ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން،" އެ ކުންފުނިން ވިދާޅުވިއެވެ.

ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތްވެސް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. މީގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައިވެސް ގޭހުގެ ސްޓޮކް ހުސްނުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ގޭސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން