އަސާސީ ދެ ބާވަތެއް ގެނައުން އަވަސްކުރުމަށް ލަންކާގެ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަސާސީ ދެ ބާވަތެއް ގެނައުން އަވަސްކުރުމަށް ލަންކާގެ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށައިފި

ރާއްޖޭގެ ބާޒާރުގައި އަސާސީ ބައެއް ބާވަތްތައް ލިބުން އަވަސްކޮށްދިނުމަށް ވިޔަފާރިވެރިން އެދިފައިވާތީ، އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބާޒާރުން އެދިފައިވާ ގޮތަށް ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށްޓަކައި 80 ކޮންޓެއިނަރުގެ މުދާ ގެނައުމުގެ މަސައްކަތް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ދެ ބާވަތަކީވެސް އަސާސީ 164 ބާވަތުގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށްވާތީ، އެހެން މުދަލަށްވުރެ ބޮޑު އިސްކަމެއް މި ތަކެތި ގެނައުމަށް ދެއްވާނެއެވެ. "މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައިއެބައިނޭ. އެހެންވެ އެ ދެބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މިވަގުތު ބާޒާރުން މި ބާވަތްތައް ހުސްނުވި ނަމަވެސް، މި ފިޔަވަޅު އަޅަނީ ކުރިއަށް އޮތް ތަނުގައިވެސް ބާޒާރުން މުދާ ހުސްވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ކަމަށެވެ. މިގޮތުން މުދާ ލިބޭނެ މަގު ފަހިކުރުމަކީ ސަރުކާރުން މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން