30،000 އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
30،000 އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފި

ރާއްޖޭގައި ހިންގާ 30،000 އަށްވުރެ ގިނަ ވިޔަފާރިއަށް ބިދޭސީންގެ ކޯޓާ ފީގެ ލުއި ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިމަހުގެ 1 ވަނަ ދުވަހު ގެނައި އިސްލާހާއެކު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ތެރެއިން 20 ކޯޓާއާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭނެއެވެ. މި އިސްލާހުގެ ދަށުން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ލުއި ވިޔަފާރިތަކަށް ލިބެމުންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނިންމެވި ނިންމެވުމެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.

އާންމު ގޮތެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް، އަލަށް ގެނެވުނު މި ބަދަލާއެކު 30،000 އަށްވުރެ ގިނަ ވިޔަފާރިތަކަށް މި ފީ ދައްކަން ނުޖެހި، ބޮޑު މާލީ ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން