ފާޑުކިޔުންތަކާއެކުވެސް ބަންކަރިން ޚިދުމަތުން ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފާޑުކިޔުންތަކާއެކުވެސް ބަންކަރިން ޚިދުމަތުން ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ދައުލަތަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މި ޚިދުމަތާ ގުޅޭގޮތުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާ ގުޅިގެން އެކި ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، އެ ޚިދުމަތުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ޚިދުމަތް ފެށިގެން މިހާތަނަށް 730 މިލިޔަން ރުފިޔާ ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް، އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުންދާ ޚިދުމަތެކެވެ.

މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން މަހުން މަހަށް ލިބޭ ޖުމްލަ އާމްދަނީއަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި ލޯ ސަލްފަރ އޮއިލް އިންނެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ތެލެއް ކަމުން، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ މެދުގައި މި ޚިދުމަތަށް އޮތް ޑިމާންޑު ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ، ދައުލަތަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމެވެ.

މިއަދު އޮންލައިން