ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަޤާމު އަލުން އިޔާދަކޮށްފިއެވެ. ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކޮށްފައި މިވަނީ، މިދިޔަ ހޯމަ ދުވަހު އޭނާ މަޤާމުން ވަކިކުރުމަށްފަހުގައެވެ.
މިދިޔަ ހޯމަ ދުވަހު ޑރ. ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސެއިން ޝަރީފު (މުންދު) ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. ނަމަވެސް މިހާރު ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކުރެވިފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މި ދެ ބޭފުޅުން ކުއްލި ގޮތަކަށް މަޤާމުން ވަކިކުރީ، އެ ބޭފުޅުންނާ އާއިލީ ގޮތުން ގުޅުން އޮންނަ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވި މައްސަލައާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. ސަލްމާގެ މަޤާމު އަލުން އިޔާދަކުރުމާ ގުޅިގެން، އޭނާ އަލުން ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަންނަވާނެއެވެ.