ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫޢުތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީ 5 އިންސައްތައަށް ކުޑަކޮށްފިއެވެ. މިއީ ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކުން ހަމަޖައްސައިދިން ވަރަށް ބޮޑު ލުޔެކެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީގެ ކުރިން ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން ނުވަތަ ގެދޮރު އެޅުމަށް ނަގާ ލޯނަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދަކީ ލޯނުގެ ޖުމްލަ އަދަދުގެ 20 އިންސައްތަ ކަމަށެވެ. ނަމަވެސް މިއަދަދު 15 އިންސައްތައިން ކުޑަކޮށް 5 އިންސައްތައަށް ބަދަލުކުރުމުގެ މައިގަނޑު މަޤުސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ބޭންކުން ހާމަކުރެއެވެ.
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. "އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް ފުރުޞަތު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މި ބަދަލާއެކު ކަސްޓަމަރުންނަށް ލިބޭނެ ލުއި ހާމަކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު އެ ފައިނޭންސިން ހަމަޖެހޭނެ ކަމަށެވެ. މިއީ ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް މާލީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިންގ މަޝްރޫޢުތަކަށް ލޯނު ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއަކާ އެކުގައެވެ. މި ފައިނޭންސިންއަކީ 9 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ފައިނޭންސިންއެކެވެ. ބީއެމްއެލްއަކީ މިހާރުވެސް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ގެދޮރު ގަތުމަށް ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން 5 އިންސައްތައަށް ކުޑަކޮށްފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.