އީރާނާއި އެމެރިކާއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްް ޤާއިމްކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނުކަން އިއުލާނުކޮށްފައިވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުމަކަށްއައިސް ޚިޔާލުތަފާތުވުންތަކަށް ދާއިމީ ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފައިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ޚާރިޖީ ގުޅުންތައް ބަދަހިކޮށް މަޝްވަރާއާއި ހުޅުވިގެންދާ ދޮރަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމްކުރުމަށް، ޕާކިސްތާން ސަރުކާރާއި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުން ކުރެއްވި ޚާރިޖީ މަސައްކަތްތައް ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ތާޢިދު ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ މި ބަޔާނުގައި ދެއްވާފައެވެ.
ޚާރިޖިއްޔާގެ ބަޔާން ނިންމާލަމުން، އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.