ޢިބްރަތެރި ވާހަކަ: ފިރިމީހާ މަރުވުމުން ގޯތީގެ ދަހިވެތިކަމުގަ ދޮންދަރިފުޅުގެ ސިކުނޑިއަށް ގެއްލުންދީ މޮޔައަކަށް ހަދަން މަސައްކަތްކުރި ދޮންމަންމައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 55ސ
ޢިބްރަތެރި ވާހަކަ: ފިރިމީހާ މަރުވުމުން ގޯތީގެ ދަހިވެތިކަމުގަ ދޮންދަރިފުޅުގެ ސިކުނޑިއަށް ގެއްލުންދީ މޮޔައަކަށް ހަދަން މަސައްކަތްކުރި ދޮންމަންމައެއްގެ ވާހަކަ-

ފައިސާއާއި މުދަލުގެ ދަހިވެތިކަމުގަ ނުކުރާ ކަމެއް ނެތެވެ. ޚާއްޞަކޮށް ބިންކޮޅެއް ލިބެން އޮންނަމަ ހޯދުނު ގޮތަކަށް ހޯދަން ފަސްޖެހޭ މީހަކު ނެތެވެ. މިބުނީ މިއަދުގެ ގިނަ ބައެއްގެ ޙާލުހުރި ގޮތެވެ.  

އިންސާނުން ނުބައިވެއްޖެނަމަ ޝައިޠޯނުންނަށްވުރެ ނުބައިވާކަމަށް ބުނާ ބުނުމަކީ އެކަމުގައި ޙަޤީޤަތްތަކެއްވާ ކަމެއްކަން އެނގިގެންދާ މިވާހަކައަކީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައެކެވެ. ފައިސާ އާއި މިދަލުގެ ދަހިވެތިކަމުގައި ނުކުރާނެ ނުބައިކަމެއް ނެތްކަން އެނގިގެންދާ ވާހަކައެވެ. މިފަދަ ޙާދިސާތައް ހިނގަމުންދާއިރު ހޭލުންތެރިވާންވެސް ޖެހެތީ ވިސްނުންތެރިކަމާއިއެކު ވާހަކަވިދާޅުވެލައްވާށެވެ!

އަޅުގަނޑުގެ މަންމައާއި ބައްޕައަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ނަމަވެސް މަންމަވީ ވަރަށް އުމުރު ކުރު އަންހެނަކަށެވެ. އަޅުގަނޑުގެ އުމުރުން 8 އަހަރުގައި، މަންމަގެ އުމުރުން 30 އަހަރުގައި މަންމަ ބަލިވެފައި ނިޔާވެއްޖެއެވެ.

ދުވަސްކޮޅެއްފަހުން ބައްޕަ ކައިވެނިކުރީ ވަރަށް ނުފޫޒުގަދަ އަންހެނަކާއިއެވެ. ސިޔާސީ ބޮޑެތި މީހުންގެ ގިނަ ބައަކާއި އޭނާ އާއި ވަރަށް ގާތް ގުޅުން އޮވެއެވެ. އޭނާވީ އަޅުގަނޑަށް ނުބައި ދޮންމަންމައަކަށެވެ. އެހައިކުޑައިރުވެސް ކޮންމެ ދުވަހަކު އެތައް ފަހަރަކު އަޅުގަނޑު ރޮއްވައެވެ. ހިތްފަޅައިގެންގޮސް މަރުނުވެ ހުންނަނީ ބައްޕަގެ ލޯބި ލިބޭތީއެވެ.  

އެޙާލުގައި އުޅެމުން ދަނިކޮށް އަޅުގަނޑުގެ އުމުރުން 15 އަހަރުގައި ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. ނިޔާވީ އެނދުމަތިވެފައި އަހަރެއްހައި ދުވަހު އޮތުމަށްފަހުގައެވެ. އެދުވަސްތަކުގައި އެއްވެސް ވަރަކަށް ދޮންމަންމަ ބައްޕައާއި އަޅައިވެސް ނުލައެވެ. އަންހެން ދަރިއަކަށްވެހުރެމެ ބައްޕަގެ ހުރިހާ ކަންކަން ކޮށްދިނީ އަޅުގަނޑެވެ.  

ބައްޕަ ބަލިވިތަނާހެން ބައްޕަގެ ބޭބެ ގެއަށް ގެނެސް ބައްޕަގެ އަޅުގަނޑު ނޫން ދަރިއަކު ނެތުމުން ގެއާއި ގޯތި އަޅުގަނޑަށްދީފައި ވަޞިއްޔަތް ލިޔެދިނެވެ. ކޯޓަށް ހުށަނޭޅުނީ ބައްޕަގެ ބަލިޙާލުހުރި ގޮތުން ކޯޓަށް ހާޒިރުނުވެވޭނެތީއެވެ. އެކަން ދޮންމަންމައަށްވެސް އެނގޭނެއެވެ.  

ބައްޕަ ނިޔާވުމާއިއެކު ދޮންމަންމަ އިންތިހާއަށް ހެޔޮބޮޑުވެއްޖެއެވެ. މަހެއްހައި ދުވަސްތެރޭ އަޅުގަނޑު ގޮވައިގެން ޗުއްޓީއަކަށް އިންޑިއާއަށް ފުރައިފިއެވެ. ގޮސްފައި އުޅުނީ އަޅުގަނޑު އިންޑިއާގައި ކިޔަވަން ބަހައްޓާށެވެ. ނަމަވެސް ބޮޑުބޭބެގެ ހުއްދައާއި ނުލައި ހުންނަން ނުކެރޭނެ ކަމަށް ބުނީމެވެ.  

ތިބީ ގެއެއްގައެވެ. އެގޭގެ މީހުންނަކީ ދޮންމަންމަގެ ވަރަށް ގާތް ބައެކެވެ. ބަހައްޓަން އުޅުނީވެސް އެގޭގައެވެ. ދެން އެހިސާބުން ނުބައި ހުވަފެންތައް ފެންނަތީ އަޅުގަނޑު ބިރުގަންނަން ފަށައިފިއެވެ. އެހެންވެ ގެއަކުން ނުނުކުންނަމެވެ. ދޮންމަންމަ ބޭރުން ގެންނަ އެއްޗެއްވެސް ނުކަމެވެ. ކައިއުޅުނީ ގޭގައި އެންމެންނަށް ކައްކާ އެއްޗެއްސެވެ.  

އެހިސާބުން ދޮންމަންމަ އެހެން މަޅިއެއް ޖަހަން މަސައްކަތް ފަށައިފިއެވެ. ބައްޕަ މަރުވުމުން ނަފްސާނީ ގޮތުން އަޅުގަނޑަށް ގެއްލުން ލިބިފައި ހުރެދާނެ ކަމަށް ބުނެ ނަފްސާނީ ޑޮކްޓަރަކަށް ދައްކަންޖެހޭނެކަމަށް ބުނަން ފަށައިފިއެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް ދައްކަން ބޭނުން ނޫންކަމަށާއި ބޭނުމީ އަވަހަށް މާލެދާންކަމަށް ބުނެފީމެވެ. ނަމަވެސް އެއަޑު އޭނާއަށް އިވުނު ކަމަކަށް ނުހެދިއެވެ. މާލެދާ ވާހަކަ ނުވެސް ދެއްކިއެވެ.

އެގޭ މީހުންނާއިއެކު ދޮންމަންމަ ބާޒާރަށް ދިއަ ދުވަހަކު ފުރުޞަތުގެ ބޭނުން ހިފައި ބޭރަށް ނުކުމެ ކައިރީގައި ހުރި ބޫތަކަށްވަދެ ބޮޑުބޭބެއަށް ފޯނުކޮށްފައި އަވަހަށް ބަލައި އައިސްދިނުމަށް އެދުމުން އަނެއް ދުވަހު ބޮޑުބޭބެއަތުވެއްޖެއެވެ. އެހިސާބުން އަޅުގަނޑު ބޮޑުބޭބެ އާއިއެކު ބޮޑުބޭބެ ހުރި ހޮޓަލަށް ބަދަލުވެފައި 2،3 ދުވަސްތެރޭގައި ބޮޑުބޭބެއާއިއެކު މާލެ އައީއެވެ.  

މާލެ އައިއިރު ގޭގައި އުޅެނީ ދޮންމަންމަގެ ޢާއިލާގެ މީހުންނެވެ. ގެއިން ނުކުންނަން ބުނީމާ ދެއްކީ ދޮންމަންމަގެ ނަމުގައި ހައްދާފައި އޮތް ރަޖިސްޓްރީއެކެވެ. ބޮޑުބޭބެ އެހިސާބުން މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. އަދި ކޯޓަށް ގޮސް ބެލިއިރު އެކަންކޮށްފައިވަނީ އަޅުގަނޑަށް ބައްޕަ ދިން ލިޔުން ވަގަށްނަގައި އެލިޔުން އޭނާގެ ނަމަށް ބަދަލުކޮށްގެންނެވެ.  

ނަޞީބު ރަނގަޅުކަމުން ބައްޕަ އަޅުގަނޑަށް ދީފައި އޮތީ ކޮޕީއެކެވެ. އަޞްލު އޮތީ ބޮޑުބޭބެގެ އަތުގައެވެ. ކޯޓަށް އަޞްލު ހުށަހަޅައިގެން ގެއާއި ގޯތީގެ ރަޖިސްޓްރީ އަޅުގަނޑުގެ ނަމަށް ބަދަލުކުރެވުނީ ބޮޑުބޭބެ ވަރަށް ގިނަ މަސައްކަތްކޮށްގެން 2 އަހަރުވީފަހުންނެވެ.  

ގެ ލިބިގެން ގޭގައި އުޅެން ފެށިތަނާ އަޅުގަނޑުމެން އެދަތުރު އިންޑިއާގައި ތިބި ގޭގެ މީހަކު އަޅުގަނޑުގެ ގެއަށް އައިސް ކިޔައިދިނެވެ. "ކިޔެވުމުގެ ނަމުގައި އަޅުގަނޑު އިންޑިއާގައި ބަހައްޓަން އުޅުނީ ގޯތި ދަމައިގަތުމުގެ ބޭނުމުގައެވެ. އަދި އެކަން ޤަބޫލުނުކުރީމާ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އުޅުނީ އަޅުގަނޑުގެ ސިކުނޑީގައި މައްސަލައެއް ހުރިކަމަށް ހަދައި، ޑޮކްޓަރު މެދުވެރިވެގެން މޮޔައިން ބަލަހައްޓާ ތަނަކަށް އަޅުގަނޑުލާންވެގެންނެވެ. އެތަނުގައި ބަހައްޓައިގެން އަޅުގަނޑު މޮޔަކޮށް ދުވަސް ދުއްވާލަންވެގެންނެވެ."  

އޭނާ ބުނީ ގަދަކަމުން ޑޮކްޓަރަށް ގެންދަންވެސް ރޭވިކަމަށާއި އެކަން ނުކުރެވުނީ އެމީހުން އެކަމަށް ދެކޮޅުހެދުމުން ކަމަށެވެ. އެކަން ކޮށްދީފިނަމަ ވަރަށް ގިނަ ފައިސާ ދޭންވެސް ބުނި ކަމަށެވެ. ނަމަވެސް ކިތަންމެ ގިނަ ފައިސާދިން ނަމަވެސް އަޅުގަނޑުފަދަ އެއްވެސް ކުށެއް ނެތް މައްޞޫމް ކުއްޖަކަށް އެފަދަ ބޮޑު ދެރައެއް ދޭން އެއްބަސްނުވީކަމަށެވެ.

ދެން ކަންތައްވީ ގޮތްވެސް ކިޔައިދޭނަމެވެ. ދޮންމަންމަ ވަރަށް ބޮޑަށް ބަލިވީއެވެ. ބަލި ޙާލުގައި އޮވެ އަޅުގަނޑާއި ބޮޑުބޭބެ ގެންގޮސް އޭނާ ކުރަން އުޅުނު ނުބައި ކަންތައްތައް އަމިއްލައަށް ކިޔައިދިނެވެ. ކޮންމެ ވަގުތަކުވެސް ތިމަންނާ މަރުވެދާނެ ކަމަށްބުނެ މާފަށް އެދުނެވެ. މާފަށް އެދުމުން އަޅުގަނޑު މާފުވެސް ކުރީމެވެ. އަވަސް ޝިފާއެއް ދެއްވެވުން އެދި ދުޢާވެސްކުރީމެވެ!  

މިކިޔައިދިނީ މީގެ 30 ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ޙިއްޞާ މިކުރީ މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. އަޅުގަނޑަށް އެހައި ބޮޑު ދެރައެއް ދޭން އުޅުނީ ދޮންމަންމައެވެ. ހިތާމައަކީ އަމިއްލަ ޢާއިލާގެ ތެރެއިން މިފަދަ ނުބައި ޢަމަލުތައް ކުރެވޭ ކަމެވެ. ދުނިޔޭގެ ދަހިވެތިކަން ބޮޑުވެ ނުކުރާނެ ނުބައިކަމެއް މިހާރަކު ނެތެވެ. 

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިއަކަށް ދަރިއަކު ނުލިބިގެން ކުރި މަސައްކަތުން އެނގުނީ އޭނާއަށް ދަރިއަކު ނުލިބޭނެ ގޮތަށް ސިހުރުހަދާފައިވަނީ އެކުވެރިޔާގެ ގޯތީގެ ދަހިވެތިކަމުގައި އަމިއްލަ ޢާއިލާގެ ބައަކު ކަމެވެ. ވީމާ ނުބައި ކަންކަން ނުކުރާނީ ކާކުކަން އެނގޭނެ ގޮތެއް އެބައޮތްހެއްޔެވެ؟

 

- ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން