ފިރިހެންކުއްޖާއަކީ ތަނަވަސްމީހެއްގެ ދަރިއެކެވެ.
އަންހެންކުއްޖާއަކީ ފަޤީރެއްގެ ދަރިއެކެވެ. ދެމީހުން އެކަކުއަނެކަކު ދެކެ އިންތިހާއަށް ލޯބިވެ ކައިވެނިކުރަން ކައިރިވެފައިވަނިކޮށް ޒުވާނާގެ ބައްޕައަށް އެކަން އެނގިގެން އަންހެންކުއްޖާ ހޯދައި ބުނީ ތިއައުޅެނީ ތަނަވަސްކަން ބޭނުންވެގެންކަމަށްވާނަމަ ތަނަވަސްކަންވެސް ދީފާނެ ކަމަށެވެ. ދަރިފުޅާ ގުޅުން ކަނޑައިލުމަށެވެ. ގުޅުން ކަނޑައިނުލިނަމަ ކުރިމަތިވާނެ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އަމިއްލައަށް ކަމަށެވެ.
އަންހެންކުއްޖާ ގަތްބިރުން ލޯބިވެރިޔާއަށް އަންގައިވެސް ނުލައި ފުރައިގެން ރަށަށް ދިއައީއެވެ. ފޯނުވެސް ނިއްވައިލީއެވެ. ނަންބަރުވެސް ބަދަލުކުރީއެވެ. މަހެއްވެސް ނުވަނީސް ފެނުނީ ޒުވާނާ ރަށަށް އައިތަނެވެ.
ދެމީހުން ބައްދަލުވެ ކަންކަންވީގޮތް ކިޔައިދިނުމުން ފިރިހެންކުއްޖާ ބުނީ އެހެންވީމާ ފުރަތަމަ ކަމަކަށްވެސް ކައިވެނިކުރަމާ ހިނގާށެވެ. ކައިވެނިކުރާނީ މިރަށުގައެވެ. ދިރިއުޅޭނީ މިރަށުގައެވެ. މިރަށުގައި އުޅެން މިހުރީ ތައްޔާރަށެވެ.
ފިހެންކުއްޖާގެ ބައްޕައަށް ކަްނކަން އެނގުނީ ކައިވެނިކޮށް ހަފްތާއެއްވީފަހުންނެވެ. ވަޤުތުން ފުރައިގެން ދިއައީ އެރަށަށެވެ. ދަރިފުޅާއި ބައްދަލުކޮށް އެނބުރި މާލެ ނުދިއަނަމަ ތަނަވަސްކަމުން އެއްވެސް މިންވަރެއް ނުދޭނެކަމަށްވެސް ބުންޏެވެ. ދަރިފުޅުގެ ޖަވާބަކީ ބައްޕަގެ ތަނަވަސްކަން ބައްޕައަށެވެ. އަހުރެންނަށް ﷲ ދެއްވަވަންހުރި އެއްޗެއް ދެއްވަވާނެއެވެ. އަނބިމީހާ އާއި ވަކިވާކަށް ބޭނުމެއް ނޫނެވެ. އެހިސާބުން ބައްޕައަށް ޖެހުނީ އެނބުރި މާލެ ދިއުމަށެވެ.
މާލެއައިސް ދެމަފިރިން މަޝްވަރާކުރުމުން އަނބިމީހާ ބުނީ ފިރިމީހާއަށް ނުވިސްނެނީ ކަމަށެވެ. އަހަރެމެން ލޯބިވެގެން އުޅުނު ގޮތާ ކައިވެނިކުރި ގޮތް ވިސްނޭނަމަވެސް ތިއަގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ. "ގެއްލިގެން އެދިއައީ ލިބިފައި ހުރި އެންމެ ދަރިފުޅު! ދެން މިތަނަވަސްކަމުގެ އޮތީ ކޮން ބޭނުމެއްތަ؟"
ގޮތްދޫނުކޮށް ބައްޕައަށް ކެތްކުރެވުނީ މަހެއްހައި ދުވަހުއެވެ. ދެމަފިރިން އެކުގައި ފުރައިގެންގޮސް ދެދަރިންނާއި މަޝްވަރާކޮށް އަދި ދެފަރާތުގެ ޢާއިލާގެ މެދުގައިވެސް މަޝްވަރާކޮށް ދެދަރިން މާލެގެނައީއެވެ. އެކައިވެންޏަށް މިހާރު ކާމިޔާބު 12 އަހަރުވެއްޖެއެވެ.
ލޯބިވާންވީ މިވަރަށެވެ. ކައިވެނިކުރަން ނިންމަންވާނީ ދެން ދުވަހަކުވެސް ވަކިނުވާނެކަމުގެ ޢަޒުމުގައެވެ. ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވުމުގެ ހިތްވަރުވެސް ހުރެގެންނެވެ. އެއިރުން ހުރަސްއެޅޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް