"އަޅުގަނޑު ޒީނަތްތެރިވެގެން ނުހުންނާތީ ފިރިމީހާ ރުޅިއައުދެއެވެ. އެކަމަކު ޒީނަތްތެރިވުމުން އެކަން ވަޒަނެއް ނުކުރެއެވެ. އެހެންވެ ޒީނަތްތެރިވެގެން ހުންނަހިތްނުވަނީއެވެ." ބުނާ އަންހެނުން ވަރަށް ގިނައެވެ.
ރީތިވުމާ ޒީނަތްތެރިވުމަކީ ތަފާތު ދެކަމެކެވެ. ރީތިވުން މާނަކުރަނީ ސާފުތާހިރުވުމަށެވެ. ޒީނަތްތެރިވުން މާނަކުރެވެނީ ސާފުތާހިރުވެ އިތުރަށް ރީތިކަން ފުރިހަމަކުރުމަށެވެ. އަގުވަޒަންކުރާނެ މީހަކުނެތަސް ސާފުތާހިރުވާންޖެހޭނެއެވެ. ނަމަވެސް ގިނަ މީހުން ޒީނަތްތެރިވާނީ މީހަކަށް ދެއްކުމަށެވެ. ނުވަތަ އެކަންވަޒަންކުރާނެ މީހަކު ހުރިނަމައެވެ. ނޫންނަމަ ފަރުވާކުޑަކުރެވޭނެއެވެ.
ކައިވެނީގައި ދުވަސްކޮޅެއް ފާއިތުވުމުން ފިރިން ގެއަށްދާއިރު އަނބިން ޒީނަތްތެރިވެގެން ތިބެން ސަމާލުކަން ނުދޭތީ ފިރިން ޝަކުވާކުރެއެވެ. ސުވާލަކީ އެފަދަ ބަދަލެއް އަނބިމީހާއަށް އަންނަން ފެށުމުން އެކަން މެދުވެރިވާ ސަބަބާއިމެދު ސުވާލުކޮށްލެވޭހެއްޔެވެ؟ ތިމާގެ އިހްމާލުވުމެއް އޮތްތޯ ބަލައިލެވޭހެއްޔެވެ؟
ތިރީގައި އެވަނީ ކޮންމެ ދެމަފިރިއަކަށްވެސް ޚާއްޞަކޮށް ފިރިންނަށް ވަރަށް މުހިންމު ފިލާވަޅެއް ލިބިދޭނެ ވާހަކައެކެވެ. އިން ޝާ ﷲ
އަހަރެމެންގެ ކައިވެންޏަށް 5 އަހަރު ފުރުނުތަނާހެން މާރީތި އަންހެނަކާއި ބައްދަލުވެވި އޭނާދެކެ ލޯބިވެވުނެވެ. އެހެންވެ ރޭގަނޑު ގެއަށް ދެވޭ ވަގުތުވެސް ލަސްކުރެވުނެވެ. ގެއިން ކައިބޮއިހެދުންވެސް މަދުކުރެވުނެވެ.
އަނބިމީހާގެ އެންމެ ބޮޑު މައްސަލައަކީ މަސައްކަތް ނިމިގެން ގެއަށްދާއިރު އޭނާ ހުންނަ ސިފައެވެ. ރީތި ހެދުން ނުލާކަމެވެ. ޒީނަތްތެރިވެގެން ނުހުންނަ ކަމެވެ. އޭނާއަށް މިބޮޑު ބަދަލު އަންނަންފެށީ ކައިވެންޏަށް އަހަރުފުރުނުފަހުންނެވެ.
އަހަރެންގެ އަނބިމީހާ ވަރިކުރަން ލޯބިވެރިޔާ އެދުނެވެ. ނަމަވެސް އަހަރެން ބުނަމުން ދިއައީ އެކަމަށް އަދި ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ ދިއައީ އަނބިމީހާ ވަރިކުރަން ވަރަށް ބޮޑަށް މަޖުބޫރުކުރަމުންނެވެ.
އެކަމުގައި ވަރުގަދައަށް ޒުވާބުކުރެވުނު ރެއަކު ޒުވާބުކުރެވުނީތީ ދެރަވެ ލޯބިވެރިޔާއަށް ފޮނުވަން މެސެޖެއް ލިޔުނީމެވެ. "ކަލޭ ވަރަށް ރީއްޗެވެ. ތިއައީ މީހަކަށް އަންތބަކަށް ލިބޭނެ އެންމެ ފުރިހަމަ އަންހެނާއެވެ." ނަމަވެސް އޮޅިގެން އެ މެސެޖް ފޮނުވުނީ އަނބިމީހާއަށެވެ.
އެމެސެޖް ފޮނުވާފައި ގެއަށް ދިއުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އަނބިމީހާ ހުރީ ރީތި ހެދުމެއްލައި ޒީނަތްތެރިވެގެންނެވެ. ގެއަށް ދެވުނުލެއް ލަސްވެގެން ޝަކުވާއެއްވެސް ނުކުރެއެވެ. ހުރީވެސް ހެވިދިލިފައެވެ.
އެބަދަލު އަނބިމީހާއަށް އައީ ފޮނުވުނު މެސެޖަކުންކަން ހަމައެރޭ އެނގުނެވެ. އަނެއްދުވަހު "ވަރަށް ލޯބިވޭ" ލިޔެފައި ކުޑަކުޑަ ހަދިޔާއެއްވެސް ދިނީމެވެ. އެހިސާބުން ކަންކަން މުޅިން ބަދަލުވެއްޖެއެވެ. ލޯބިވާކަމަށް ބުނުމުގެ އިތުރުން ދެމީހުންގެ މެދުގައި ކޮންމެ ދުވަހަކުހެން ކިތަންމެ ކުޑަނަމަވެސް ހަދިޔާވެސް ބަދަލުކުރެވެން ފަށައިފިއެވެ.
އަނބިމީހާއަށް އެހައި ބޮޑު ބަދަލެއް އައުމުން ލޯބިވެރިޔާ ދޫކޮށްލައިފީމެވެ. އެންމެ ކުރިން ފަދައިން އަނބިމީހާ އާއިއެކުގައި ދިރިއުޅެން ފަށައިފީމެވެ. މާމުއިހަނދުގެ ދުވަސްވަރު އަނެއްކާވެސް އައީއެވެ. އެހެންވެ އެއް ރޭ ސުވާލުކޮށްލީމެވެ. "އަމިއްލަ ނަފްސަށް ކުރިން ފަރުވާކުޑަކުރީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ބުނީ "އަގުވަޒަންކުރާނެ މީހަކު ނެތުމުންނެވެ." ޖަވާބުގައި ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ.
އެހެންވީމާ އަހަރެމެންގެ ކައިވެނި ރޫޅުމުން ސަލާމަތްކޮށްދިނީ އަހަރެންނަށް ފޮނުވުނު އެންމެ މެސެޖެކެވެ. ވީމާ އަހަރެން އެދެނީ ހުރިހާ ފިރިންވެސް އެމީހުންގެ އަނބިންނަށް މިފަދަ މެސެޖުތައް ގިނަގިނައިން ފޮނުވުމަށެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. އަހަރެންގެ ލޯބިވެރިޔާއަކީ އަނބިމީހާއަށްވުރެ މާސިފަރީތި އަންހެނެކެވެ. ނަމަވެސް އަހަރެން އޭނާ ދޫކޮށްލީ ސިފަ ރީތިވުމަށްވުރެ އުފާވެރިކަން ލިބޭނީ ހެޔޮލަފާ، އަޚްލާޤް ރަނގަޅު އަނބިންގެ ކިބައިކަމަށްވާތީއެވެ. އަހަރެންގެ އަނބިމީހާއަކީ ވަރަށް ކެތްތެރި ހެޔޮލަފާ، އަޚްލާޤް ރަނގަޅު އަނހެނެކެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ހިއްޞާ މިކުރީ މިވާހަކައަކީ ގިނަ ވަރިތަކުން ވަރަށް ފަސޭހައިން ސަލާމަތްވެވެން އޮތް ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީއެވެ.
އެއަންހެން މީހާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. އަނބިންނަށް ރީތިވެގެން ތިބެން ހިތްވަރުލިބޭނީ އެކަން ފިރިމީހާ ބަލާނަމައެވެ. ބުރަކޮށް މަސައްކަތްކުރަން ހިތްވަރު ލިބޭނީ ކުރާ މަސައްކަތުގެ އަގު ފިރިން ވަޒަންކުރާނަމައެވެ.
- ރައީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް