މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރާއި މަސައްކަތްތައް ދައްކާލުމަށް ފަހިކޮށްދޭ މުހިންމު ފުރުސަތެކެވެ.
ބީސީސީން ވިދާޅުވި ގޮތުގައި، މިއަހަރުގެ މައުރަޒުގައި ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިހާރު ވަނީ 2026 ވަނަ އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުވުމުގެ އުސޫލުވެސް އާންމުކޮށްފައެވެ.
މި މައުރަޒުގައި ވާދަކުރެވޭ ދާއިރާތަކާއި އުފެއްދުންތައް ބައިވެރިކުރެވޭ ގިންތިތަކާ ގުޅޭ އެންމެހާ ކަންކަން ބަލަހައްޓާނީ ބީސީސީއާއި އިޤްތިޞާދީ ވުޒާރާ ގުޅިގެން އެކުލަވާލާފައިވާ ފަންނީ ކޮމިޓީއަކުންނެވެ. އުސޫލުގައިވާ ގޮތުން، އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި މައުރަޒުގައި ބައިވެރިވެވޭނެއެވެ.
މި މައުރަޒުގައި އާންމު ފަރުދުންގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މައުރަޒުގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، އައިސީޓީ، ކްރިއޭޓިވް އާޓްސް، ފެޝަން، ޖުވެލަރީ، އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި، ލަކުނޑީގެ އުފެއްދުންތައް އަދި ދީނީ އުފެއްދުންތަކަށްވެސް ވަނީ ފުރުސަތު ދީފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކުގެ މަސައްކަތްތައް މާކެޓްކޮށް އިޝްތިހާރު ކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މައުރަޒުގެ ކޮންމެ ގިންތިއަކުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.