ޤަޠަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ޤަޠަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އަލުން ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވި ގޮތުގައި، ޤަޠަރު އެއާވޭސްއިން މިއަދުން ފެށިގެން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ. އެއީ ހަފުތާއަކު 7 ދަތުރު ކަމަށްވެސް އެމްއޭސީއެލުން މަޢުލޫމާތު ދެއްވައެވެ.

ޤަޠަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއާލައިނެވެ. އެ އެއާލައިނުން ޤަބޫލުކުރާ ގޮތުގައި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕްގެ އިތުރުން އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެ، ލުއިފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން، ޤަޠަރު އެއާވޭސް އިން ވިދާޅުވީ "ޖޫންމަހުގެ 15ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް ފަސޭހައިން ދުވަސް ބަދަލުކުރެވޭނެ" ކަމަށެވެ. މިއީ ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ އެއާލައިނުން ނިންމި ނިންމުމެކެވެ.

މިއަދު އޮންލައިން