ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކޮށް، އިޖުތިމާއީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މިއީ ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދައިދީ، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްދިނުމަށް އެ ވުޒާރާއިން އެކުލަވާލާފައިވާ މުހިންމު ޕްރޮގްރާމެކެވެ.
ޔޫތު ވޮލަންޓިއަރ ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިޖްތިމާޢީ އަދި ބައިނަލްއަޤްވާމީ ތަމްރީނުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކުގައި ވޮލަންޓިއަރ ކުރުމުގެ ފުރުސަތު ހިމެނެއެވެ. މީގެ އިތުރުން، ވުޒާރާއިން ހިންގާ އެކި ޕްރޮގްރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވެ، ލީޑަޝިޕްގެ ހުނަރުތައް ތަރައްގީ ކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބޭނެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށެވެ.