ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަހަރުގެ ތެރޭގައި އެމްއާރްއައި (MRI) ގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަޝްރަފް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އަޝްރަފް ވިދާޅުވީ، ތިނަދޫގައި އެމްއާރްއައިގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި، އެ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން، އެމްއާރްއައި މެޝިން ބެހެއްޓުމަށް ހަވާލުކުރެވުނު ކުންފުނިން މިހާރު ވަނީ ތިނަދޫއަށް ޒިޔާރަތްކޮށް، އެކަމަށް ބޭނުންވާ ސައިޓް ބަލާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޚިދުމަތް ފެށޭނެ ތާރީޚާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، "އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބީ މިއަހަރުގެ ފަހުކުއާޓަރގައި އެމްއާރްއައިގެ ޚިދުމަތް ތިނަދޫގަ ފެށިގެންދާނެކަމަށް." އަދި މިހާރު ރަސްމީކޮށް އެ ސައިޓް ކުންފުންޏާ ހަވާލުކުރުމުގެ ލިޔުންތައްވެސް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއާރްއައިގެ ޚިދުމަތުގެ އިތުރުން، އެ ހޮސްޕިޓަލުގައި ހައިޕަރބެރިކް ޗެމްބަރއެއް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މި ޚިދުމަތަކީ ފީނުމުގެ ތެރޭގައި ދިމާވާ އެކި ހާދިސާތަކާ ގުޅިގެން ދޭންޖެހޭ ފަރުވާތަކަށް މުހިންމު ޚިދުމަތެކެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، ހައިޕަރބެރިކް ޗެމްބަރގެ ޚިދުމަތްވެސް މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި އައު ޚިދުމަތްތަކާއެކު ގދ. އަތޮޅާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.