ޤައުމީ ޕޭމެންޓް ނިޒާމު "ފަވަރަ" މެދުވެރިކޮށް ދޭ ޚިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފިއެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހޮޓްލައިން ނަންބަރު 1544 އިފްތިތާޙްކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް އިންނެވެ.
މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.
ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެކެވެ.