މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ. ޕީސީބީން މިގޮތަށް އަންގާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ޚާއްޞަ ސާކިއުލާއެއްގައެވެ.
ޕީސީބީން ފޮނުވި ސާކިއުލާގައިވާ ގޮތުން، މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހުވެސް ޚަރަދު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކަށް އަންގާފައިވެއެވެ. އޭރު މައިގަނޑު ގޮތެއްގައި އަންގާފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، މުސާރައާއި އިދާރީ ހިންގުމުގެ ދާއިރާއިން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މިހާރު ވަނީ އިރުޝާދު ދީފައެވެ.
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. މިގޮތުން، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށާއި، މަސައްކަތްތައް ރަސްމީގަޑީގައި ނިންމޭނެ ގޮތަކަށް ރޭވުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަށާއި، ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި، އައު މުވައްޒަފުން ވަޒީފާއަށް ނުނެގުމަށްވެސް ވަނީ އަންގާފައެވެ. މިއީ ކުންފުނިތަކުގެ ކޭޝްފުލޯ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ޕީސީބީން ފާހަގަކުރެއެވެ.
ކުންފުނީގެ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން އިތުރު ޚަރަދުތައް ނުކުރުމަށް ޕީސީބީން ވަނީ ބާރުއަޅާފައެވެ. މިގޮތުން، ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ނުބޭއްވުމަށާއި، ހަފްލާތައް ބޭއްވުމުގައިވެސް ޚަރަދު ކުޑަވާނެ ގޮތްތައް ބެލުމަށް ވަނީ އަންގާފައެވެ. އަދި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކާ ވަސީލަތްތައް ހިއްސާކޮށްގެން ޚަރަދު ކުޑަކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ޕީސީބީން އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ރައްޔިތުންނަށް ކުރިމަތިވެދާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. މި ސާކިއުލާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، ޚަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ކުންފުނިތަކުގެ ބޯޑަށް އޮންނާނެ ކަމަށް ޕީސީބީން ހާމަކުރެއެވެ.