ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ބަދަލަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މައިގަނޑު 6 ފިޔަވަޅެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިއަށް ގެނައި ބަދަލެވެ. ކުރިން ހެނދުނު 7:30 އިން މެންދުރުފަހު 15:30 އަށް މަސައްކަތު ގަޑި ހަމަޖެހިފައި އޮތް ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިހާރު މަސައްކަތު ގަޑި ނިމޭނީ މެންދުރުފަހު 14:00 ގައެވެ.
އިދާރީ މުވައްޒަފުންގެ އިތުރުން، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރު ނުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރާއްޖޭން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ވަނީ މަދުކޮށްފައެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމަށާއި، ބޭރުގެ ފަރާތްތަކާ ބާއްވާ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނިން އިތުރަށް ބުނެފައިވަނީ، މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވައިގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް އޮންނާނެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ވެސް ވަނީ ފަސްކޮށްފައެވެ. މިމަހުގެ 15 ގައި ބޭއްވުމަށް އޮތް މި ކޮންފަރެންސް މިހާރު ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަށެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްވެސް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުން ހިމެނެއެވެ.
އެމްޕީއެލްއިން ވިދާޅުވި ގޮތުގައި މި ހުރިހާ ފިޔަވަޅުތަކަކީވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އިޤްތިޞާދީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެކެވެ.