ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް ކުރިއަށް އޮތް ހަފުތާގައި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. މި އުޅަނދުތަކަކީ އެ ކުންފުނިން ހިންގާ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި ގެނެސްފައިވާ އުޅަނދުތަކެކެވެ.
އާރްޑީސީން މަޝްރޫޢުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އުޅަނދު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް ގެނައި މި އުޅަނދުތަކުގެ ތެރޭގައި ޖުމްލަ 230 ހެވީ ވެހިކަލް ހިމެނެއެވެ. މި އުޅަނދުތައް ރަށްރަށަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ރެޖިސްޓްރީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އުޅަނދުތައް ރެޖިސްޓްރީކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފުތާއާއި އޭގެ ފަހު ހަފުތާގެ ތެރޭގައި އުޅަނދުތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް ހެވީ ވެހިކަލް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ނަޒީމް އިތުރަށް ވިދާޅުވީ، ފުރަތަމަ ބުރުގައި އުޅަނދުތައް ފޮނުވާނީ މައިގަނޑު ގޮތެއްގައި އާރްޑީސީން މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރަށްތަކަށް ކަމަށެވެ. ނަމަވެސް، އެ ރަށްރަށުގައި ހިންގާ އެހެނިހެން މަޝްރޫޢުތަކަށްވެސް ބޭނުންވެއްޖެ ޙާލަތެއްގައި މި އުޅަނދުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެސްކަވޭޓަރާއި، ފޯކްލިފްޓް އަދި ޑަމްޕް ލޮރީއެއް މި ރަށްތަކަށް ފޮނުވާނަން. ދެން ތާރުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް އެއަށް ބޭނުންވާ މެޝިނަރީއާއި އުޅަނދުތައް ފޮނުވާނެ،" ނަޒީމް ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުތަކަށް މި އުޅަނދުތަކުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބި، މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް އާރްޑީސީން އުންމީދު ކުރެއެވެ.