މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 5,186 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވާކަން އެ ކުންފުނީގެ ރިޕޯޓުތަކުން ހާމަވެއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހުގެ ތެރޭގައި 2,454 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. ފެބުރުއަރީ މަހު 1,108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި މިފްކޯއަށް ވަނީ 1,625 ޓަނުގެ މަސް ކިރުވާފައެވެ.

މިފްކޯއަށް ކިރުވި މަހުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން ޖަނަވަރީ މަހު 2,302 ޓަނު، ފެބުރުވަރީ މަހު 980 ޓަނު އަދި މާރިޗު މަހު 1,517 ޓަނުގެ ކަޅުބިލަމަސް ވަނީ ކިރުވާފައެވެ.

މީގެ އިތުރުން، ކަންނެލި ކިރުވި މިންވަރަށް ބަލާއިރު ޖަނަވަރީ މަހު 153 ޓަނު، ފެބުރުވަރީ މަހު 128 ޓަނު އަދި މާރިޗު މަހު 108 ޓަނުގެ ކަންނެލި މިފްކޯއަށް ވަނީ ގަނެފައެވެ.

މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ފެބުރުވަރީ މަހުގެ ތެރޭގައި 19 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ދޫކޮށްފައިވަނީ 29.3 މިލިޔަން ރުފިޔާއެވެ.

މިއާއެކު، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު މަސްވެރިންނަށް ޖުމްލަ 88.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިފްކޯއިން ފޯރުކޮށްދީފައިވާ މުހިންމު މާލީ އެހީތެރިކަމެކެވެ.

މިއަދު އޮންލައިން