ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ތަކުރާރުކޮށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ޔަހޫދީން ޖަވާބުދާރީކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ދިން އަނިޔާވެރި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ މިފަދަ ޖަރީމާތަކުގެ ސަބަބުން، ދާއިމީ ގޮތެއްގައި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށް ސަރުކާރުން ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން ވިދާޅުވީ ޔަހޫދީންގެ މި އަމަލުތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށްޓަކައި، ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށެވެ. އަދި ލުބުނާނުގެ މިނިވަންކަމާއި، ސަލާމަތާއި، އެ ގައުމުގެ އިސްތިގުލާލާއި ބިމުގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.