ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަމަހު 4.03 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަމަހު 4.03 ބިލިއަން ރުފިޔާ ލިބިއްޖެ

މާޗް މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 4.03 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އާމްދަނީއާއި، ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުންވެސް މި އާމްދަނީއާ ވަނީ ގުޅިފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވި އަނެއް ސަބަބަކީ ޓޫރިޒަމް ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމެވެ. މީރާއިން ވިދާޅުވި ގޮތުގައި މާރިޗު މަހު ލިބުނު އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މިއަދު އޮންލައިން