500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމާއި ގުޅިގެން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ނެގި މި ސުކޫކު ދައްކައި ޚަލާސްކޮށްފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި، މިހިނގާ އެޕްރީލްމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިޔަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައެވެ. މިއީ ދަޢުލަތުގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާލީ ވުޒާރާއިން ސިފަކުރެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ.
"މިއީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" މާލީ ވުޒާރާއިން ވިދާޅުވިއެވެ. މި ފިޔަވަޅާއެކު ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަޤުވާމީ މާލީ ބާޒާރުގައި އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.