ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ އެންމެ ބޮޑު ނިޢުމަތެވެ. އަދި ތަނަވަސްކަންހުރި ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ މާބޮޑު ނިޢުމަތެކެވެ. އެހެންކަމާއިއެކުވެސް ހިތް ނުފުރި ބައިވެރިޔާއަށް ދެރަދޭ މީހުންވެސް މަދުނޫންކަން ފާހަގަކުރަންޖެހެނީ ހިތާމައާއިއެކުގައެވެ.
ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ކަސްތޮޅު އެޅުމުން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަތުޖެހުނު ގޮތަކުން ފައިސާ ހޯދައިގެން ނަމަވެސް ކޯޓުގެ އަދަބުން ސަލާމަތްވެވިއްޖެނަމަ އެކަން އެއޮތީ ނިމިފައި ކަމަށެވެ. އެވިސްނުމުގައި ތިބޭ މީހުން ޙަޔާތުގެ ބައިވެރިޔާގެ ތަނަވަސްކަމުންވެސް ވައްކަންކުރެއެވެ. ޚިޔާނާތްތެރިވުމަށްފަހު ފިލައިގެންވެސްދެއެވެ.
ތިރީގައިވާ ވާހަކައިގައި އަނބިމީހާގެ ފައިސާކޮޅު ވަގަށްނަގައިގެން ޜާއްޖޭގެ ކޯޓުތަކަށް ފިލުނެވެ. ދުވަސްކޮޅެއްފަހުން ބަންދފުވާންޖެހުނީ އެއަށްވުރެ ބޮޑު މައްސަލައެއްގައި ބޭރު ޤައުމެއްގެ ޖަލުގައެވެ. ދުނިޔޭގައިވެސް ޖަލުން ސަލާމަތް ނުވެވުނީއެވެ.
ދެން އެނގިގެންދަނީ ﷲ ތަޢާލާއަށް ތެދުވެރިވެ، އެކަލާނގެ ޙަޟްރަތުން ވާގިއެދިގެން އުންމީދު ކަނޑާނުލައި މަސައްކަތްކޮށްފިނަމަ އަންހެނަކަށްވިޔަސް މާޔޫސްވާން ނުޖެހޭނެ ކަމެވެ. ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ކަންދިމާވާ ގޮތަކުން ދެރައެއް ލިބުނަސް ކެތްތެރިވެލުމުން މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެ ކަމެވެ.
ވާހަކަވިދާޅުވެލައްވާށެވެ!
ސްކޫލްގައި ކިޔަވަމުންދިއައިރުވެސް އަޅުގަނޑުގެ އުންމީދަކީ ވީހާއަވަހަކަށް އަމިއްލަ މަސައްކަތެއް ފަށައިގަތުމެވެ. އެހެން މީހުންގެ ނޯކަރަކަށްވެގެން މަސައްކަތްކުރުމަކީ އެންމެ ކުޑައިރުވެސް އަޅުގަނޑު އެހާކުރާހިތްވާކަމެއް ނޫނެވެ.
ސްކޫލް ނިމިގެން މަތީތައުލީމަށް ދިއުމުގެ ބަދަލުގައި އަޅުގަނޑުވަނީ ކުކަރީ ކްލާހަކަށެވެ. އެތަނުން މަސައްކަތް ދަސްކޮށްގެން ހެދިކާ އާއި ޕޭސްޓްރީ ހަދައި ހޮޓާތަކަށާއި ރެސްޓޯރަންޓްތަކަށް ފޮނުވަން ފެށީމެވެ. ވިޔަފާރި ކުރިއަރައި ދިއުމުން ކުޑަ އައުޓްލެޓެއްވެސް ހުޅުވީމެވެ. މުވައްޒިފުން ލައިގެން މަސައްކަތްފުޅައުކުރީމެވެ. ވިޔަފާރި ފުޅައުވާވަރުން އައުޓްލެޓް އިތުރުކުރަމުން ގޮސް 3 ތަން ހުޅުވީމެވެ. 25 ވަރަކަށް މުވައްޒިފުން ގެންގުޅުނީމެވެ.
އެދުވަސްވަރު ބައްދަލުވިމީހަކު ދެކެ ލޯބިވެވުނެވެ. އޭނާދެއްކި ވާހަކަތައް ޤަބޫލުކުރެވި ކައިވެނިވެސްކުރީމެވެ. ކައިވެނީގައި ދަރިއަކު ލިބި މަސައްކަތާއި އަމަލީ ގޮތުން ތަންކޮޅެއް ދުރުގައި ހުންނަން ޖެހުނު ދުވަސްކޮޅު، ފުރުޞަތުގެ ބޭނުން ހިފައި އެކައުންޓުގައި ހުރި ހުރިހާ ފައިސާ ވަގަށްނަގައިގެން ފިރިމީހާ ފިލީއެވެ.
އޭނާ ފިލީ ބާޒާރަށް ވަރަށް ބޮޑަށް ދަރަނިވެރިވެސް ކުރުވައިފައެވެ. އެކަން އެނގުނީ ފައިސާ ހޯދަން ތަންތަނުން ގުޅަން ފެށުމުންނެވެ. ކޮންމެއަކަސް ކުރެވޭނެ ކަމެއް ނެތެވެ. ވިޔަފާރިއަކީ އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަޅުގަނޑުގެ ވިޔަފާރިއެކެވެ. ޖެހުނީ ޒިންމާ ނަގާށެވެ.
ހަދާނެ ގޮތްހުސްވެފައި ހުންނަން ޖެހުނެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. ސަލާމަތްވެވޭނެ ކޮންމެވެސް މަގެއް ދައްކަވާނެ ކަމުގެ ޔަޤީންކަމުގައި ކެތްތެރިވެ ހުއްޓައި އެންމެ ބޮޑު ޢަދަދުން ދަރާއޮތް ސަޕްލަޔަރު އަޅުގަނޑަށް ގުޅިއެވެ. އޭނާއަކީ އުމުރުން ދުވަސްވެފައިވީ އަޅުގަނޑުގެ ބައްޕަމެންގެ އުމުރުގެ މީހެކެވެ. އަޅުގަނޑު ކުރިންވެސް ކިޔަނީ ބޭބެއެވެ. އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް ހިތްވަރުދިނެވެ. ބުނީ ބޭނުންވާ ހުރިހާއެއްޗެތީގެ ލިސްޓް އޭނާއަށް ފޮނުވުމުން ބޭރުން ގަންނަންޖެހޭ އެއްޗެތިވެސް ގަނެދޭނެ ކަމަށެވެ.
އޭނާގެ އެހީތެރިކަމާއިއެކު ބާރަށް މަސައްކަތް ހިންގަން ފެށީމެވެ. ދަރަނިތައް އަދާކުރަމުން ގޮސް ދަރަނިތަކުން ސަލާމަތްވެވުނީ 2 އަހަރުދުވަހުންނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެކަމުގެ ހިތްހަމަ ޖެހުން ދެވަނަ ފަހަރަށް ލިބުނީ ދަރަނި އަދާކޮށް ނިމުމުންނެވެ.
ﷲ އަށް ވަކީލްކުރާ މީހަކަށް ރަޙްމަތް ލައްވަވާނީ ހީވެސް ނުކުރެވޭހައި ގޮތްގޮތުން ކަމަށް ބުނެވޭ ބުނުމުގެ ތެދުކަން އަޅުގަނޑަށް ޔަޤީންކުރެވުނީ އަޅުގަނޑުގެ ކައިވެންޏަށް ދެވަނަ މީހާ އެދުމުންނެވެ. އޭނާއަކީ ކަސްޓަމަރެކެވެ. އެއަށްވުރެ ބޮޑަކަށް ނުދަންނަމެވެ. އެނގޭވަރަކީ ހިތްހެޔޮ ސާދާ މިޒާޖުގެ ޒުވާނެއްކަމެވެ.
ކުރިންވެސް ބޮޑު ލަނޑެއް ލިބިފައި އޮތުމުން އޭނާގެ ވަނަވަރު ކޮންމެވެސް ވަރަކަށް އޮޅުން ފިލުވައިލުމުގެ ބޭނުމުގައި އަޅުގަނޑު އެންމެ ބޮޑަށް ޙާލުގައި ޖެހުނު ދުވަހު އެހީތެރިވި "ބޭބެ" ގާތު އޭނާގެ ވާހަކަ އަހައިލީމެވެ. ހިނިގަނޑެއްޖަހާލާފައި "ބޭބެ" ބުނީ އެކަން ބާރަށް ކުރިއަށް ދިއުމަށެވެ. އަވަހަށް ކައިވެނިކުރުމަށެވެ. އެއްވެސް ގެއްލުމެއް ދީފިނަމަ "ބޭބެ" ޒިންމާވާނެ ކަމަށެވެ.
ވަރަށް އަވަހަށް ކައިވެނިކުރެވިއްޖެއެވެ. ކައިވެނިކުރުމުގެ ރަސްމިއްޔާތުގައި ލިބުނު އުފާވެރިކަން ބޮޑުވީވަރުން އެތައް ފަހަރަކު ޙަމްދު ކުރީމެވެ. ކައިވެނި މިކުރެވުނީ "ބޭބެ"ގެ ދޮށީ ދަރިފުޅާއެވެ. ދެވިޔަފާރިއެކުވީއެވެ. ދެޢާއިލާވެސް އެކުވީއެވެ. ދެވަނަ ކައިވެނީގައި މިހާރު މިއީ 10 ވަނަ އަހަރެވެ. އަދިވެސް ހަމަ މިތިބީ ހަނީ މޫނުގައެވެ.
ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ލަނޑުދިން ފުރަތަމަ ފިރިމީހާގެ ވާހަކައެވެ. އެންމެފަހުން ޚަބަރުލިބިފައިވަނީ ކޮންމެވެސް ބޮޑު މައްސަލައެއްގައި ބޭރު ޤައުމެއްގެ ޖަލުގައި ބަންދުވެފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ ވާހަކައެވެ. އަޅުގަނޑު ނުހަނު ބުރަ މަސައްކަތުން ހޯދި ފައިސާކޮޅު ވަގަށްނެގުމުގެ އިތުރުން އަޅުގަނޑު ދަރަނިވެރިކުރުވާފައި އަޅުގަނޑަށް ފިލުނަސް ދުނިޔޭގައިވެސް އަދަބަކަށް ނުފިލުނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަންހެނުންނަށް ބުނެލަން ބޭނުންވަނީ ފައިސާގެ ކަންކަމުގައި ފިރިންނަށް އިތުބާރުކުރުމުގެ ހުރި ވޭން އަޅުގަނޑަށް މިވަނީ އިޙްޞާޞް ކުރެވިފައެވެ. މިވާހަކަ މިކިޔައިދިނީ ތިއަ އުޚުތުންވެސް ވިސްނައި ސަލާމަތްކަން ހޯދުމުގެ މުހިންމުކަން ހާމަކުރުމަށެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް