މިލިއަނުން ދިނަސް ފަޤީރު ލޯބިވެރިޔާ ނިކަމެތިކޮށްނުލާނެކަމަށްބުނި ޒުވާނަކަށް ލިބުނު ބޮޑު ނަޞީބާ ތަނަވަސްކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
މިލިއަނުން ދިނަސް ފަޤީރު ލޯބިވެރިޔާ ނިކަމެތިކޮށްނުލާނެކަމަށްބުނި ޒުވާނަކަށް ލިބުނު ބޮޑު ނަޞީބާ ތަނަވަސްކަމުގެ ވާހަކަ-

އޭނާ ގުޅިގެން އުޅެނީ އޭނާއަށް އެނގިފައި އޮތްގޮތުންވަރަށް ފަޤީރުކުއްޖަކާއެވެ. އެހެންވެ ލޯބިވެރިޔާއަށް ޚާއްޞަ ސަމާލުކަމެއްދެއެވެ. ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރެއެވެ. އަވަހަށް ކައިވެނިކުރަންވެސް ދިއައީ މަސައްކަތްކުރަމުންނެވެ.  

އެއްދުވަހަކު ލޯބިވެރިޔާ ގޮވައިގެން އޭނާގެ ފްލެޓަށްގޮސް ވަންތަނުން ބެލްޖެހުމުން ހުޅުވިއިރު ދޮރުމަތީގައި ހުރީ ވަރަށް ސްމާޓްކޮށް ހެދުން އަޅައިގެންހުރި އަންހެން ކުއްޖެކެވެ. އަތުގައި ބްރީފްކޭހެއްވެސް އޮތެވެ. ބައްދަލުކޮށްލަން ގެއަށް ވަންނަން ބޭނުންކަމަށް ބުނުމުން ގެއަށް ވެއްދީއެވެ.

ވަދެ ގޮނޑީގައި އިށީނދެވޔުމާއިއެކު ވާހަކަދައްކަން ފެށިއެވެ. "އަހަރެންނަކީ ތަނަވަސް ބައްޕައެއްގެ ހުރި އެންމެ އަންހެންދަރިފުޅެވެ. އަހުރެން ދިރިއުޅެނީ މިޢިމާރާތުގެ އެންމެ އަގުބޮޑު ފްލެޓްތަކުން ފްލެޓެއްގައެވެ. އަހުރެން ކަލެއަށް ފާރަލަމުން ގެންދާތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. ކަލޭ މީނދަ އަންހެންމީހާ ދޫކޮށްލާފައި އަހުރެނާއި ގުޅެން އެއްބަސްވާށެވެ. ފުރަތަމަވެސް ހަދިޔާއަކަށް މިދެނީ ހިތްފުރޭނެހައި ފައިސާއެވެ." އެހެން ބުނެފައި ބްރީފްކޭސްހުޅުވާދައްކައިލިއެވެ. އަދި އޭނާގެ އަތަށް ދިއްކޮށްލިއެވެ.  

ޒުވާނާ ބުންޏެވެ. "ބުނަންހެއްޔެވެ؟ ލޯތްބަކީ ފައިސާއަށް ގަނެވޭ އެއްޗެއްނަމަ ދުނިޔޭގައި އެންމެ ބޮޑަށް ލޯބިލިބިގެން އެންމެ އުފަލުގައި އުޅޭނީ ތަނަވަސް މިލިއަނަރުންތައް ނޫންހެއްޔެވެ؟ ރަނގަޅަށް ބަލާށެވެ. އެއިގެ ގިނަ މީހުންނަށް ލޯތްބަކީ ކޮބައިކަން ނުވެސް އެނގޭނެއެވެ. އެނގޭ މީހުން ލޯބިނުލިބިގެން ތިބޭނީ ރޯށެވެ. އެއީ ފައިސާއަށް ލޯބި ގަނެވޭނެކަމުގެ ވިސްނުމުގައި ކަންކަން ކުރެވޭތީއެވެ.  

ތިބާވެސް އަވަހަށް ތިއަ ނުބައި ވިސްނުން ބަދަލުކުރާށެވެ. ދިރިއުޅެން ފައިސާ ބޭނުންވާނެއެވެ. އެކަމަކު އެހައިގިނައިން ނުލިބުނަސް ލޯބިން އެކުގައި އުޅެވޭނެއެވެ. އަހުރެން ލޯބިވެ ކައިވެނިކުރަން މިއުޅެނީ އެއްވެސް ތަނަވަސްކަމެއް ނެތް އަންހެނަކާއެވެ. އެކަމަކު އޭނާއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު، އަދި އަހުރެންދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. އަހުރެންގެ މިހާލުގައިވެސް އަހުރެންނާއިއެކު ދިރިއުޅެން އެހުރީ ތައްޔާރަށެވެ. ވީމާ މިލިއަނުން ފައިސާދިނަސް ނުވިކޭނަމެވެ. އަހުރެންގެ ލޯބިވެރިޔާ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރާނަމެވެ. އަހުރެންނަކީ ތަނަވަސްކަމަށް ދަހިވެތި މީހެއް ނޫނެވެ. ތަނަވަސްކަމަށް ދަހިވެތި މީހަކު ހޯދައި އޭނާ ގްންނާށެވެ. އެކަމަކު ބުނަންހެއްޔެވެ؟ ގަނެވޭނީ އޭނާއެވެ. އޭނާގެ ހިތެއް ނުގަނެވޭނެއެވެ. ލޯތްބެއްވެސް ނުގަނެވޭނެއެވެ."  

އެހެން ބުނާއިރަށް "ފުދިއްޖެ" ކަމަށް ބުނެފައި ލޯބިވެރިޔާ ތެދުވެގެންގޮސް އެއަންހެންމީހާގެ ގައިގައި ބައްދައިލިއެވެ. އެކަން ޒުވާނާއަށްވީ ވަރަށް ބޮޑުކަމަށެވެ. އޭނާ ހީކޮށްގެންހުރީ އޭނާގެ ގޮތް އެނގުމުން ލޯބިވެރިޔާ ތަޢްރީފްކޮށް ބައްދައިލާނީ އޭނާގެ ގައިގައި ކަމަށެވެ.  

ލޯބިވެރިޔާއަށް އެކަން އިޙްޞާޞްކުރެވުމުން އައިސް ވަރަށް ބާރަށް ޒުވާނާގެ ގައިގައި ބައްދައިލިއެވެ. ނިތްކުރިއަށް ބޮޑުކޮށް އުންމައެއް ދީފައި ބުންޏެވެ. "ތިބާ އަހުރެންގެ އިމްތިހާނުން ފާސްވެއްޖެއެވެ. ފާސްވީވެސް އެންމެ މަތިންނެވެ. ތަނަވަސްކަން ހުރީ އޭނާގެ ކިބައަކު ނޫނެވެ. އަހުރެންގެ ކިބައިގައެވެ. ފަޤީރަކަށް ހެދިގެން މިއުޅުނީ ތިބާ އިމްތިޙާނުކުރުމަށެވެ. މިއީ އަހުރެންދެކެ ޙަޤީޤީ ލޯބިވާ މީހަކު ބައިވެރިއަކަށް ހޯދަން އަހުރެންކުރި އިމްތިޙާނެކެވެ. ތިއަހުރީ އަހުރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މިކަން ރޭވީ އަހުރެންނެވެ. އެކުވެރިޔާ އެހީތެރިވެދިނީއެވެ."

އެދެލޯބިވެރިންގެ ކައިވެނިކުރެވުނެވެ. އަނބިމީހާގެ މައިންބަފައިންގެ ތަނަވަސްކަމުން ލިބިގެން ދެމަފިރިން އަމިއްލަ މަސައްކަތް ފަށައި ދިރިއުޅެމުން ގެންދަނީ ވަރަށް އުފަލުގައެވެ.  

މިއީ ބޭރު ޤައުމެއްގައި ހިނގިކަމެއް ނޫނެވެ. ހުޅުމާލޭގައި ހިނގާފައިވާ ކަމެކެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ލޯތްބާއިމެދު އެޒުވާނާ އެދެއްކި ވާހަކަކޮޅަކީ ލޯބީގެ ޙަޤީޤަތެވެ. އެކަން އެގޮތަށް ޤަބޫލުކޮށްގެން ދިރިއުޅުން ކުރިއަށްގެންދަން މަސައްކަތްކޮށްފި މީހެއްގެ ދިރިއުޅުމަށްވުރެ އުފާވެރި ދިރިއުޅުމެއް ނުފެންނާނެއެވެ. ހިތާމައަކީ ފައިސާއަށް ލޯބިގަނެ ވިއްކޭކަމެވެ. ފައިސާއަށް ގަނެވެނީ ލޯތްބެއް ނޫނެވެ. އަމިއްލަ ދިރިއުޅުމުގެ ހަލާކެވެ.

 

- ނަޝްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން