ވަޙީދާ އޭނާގެ އެކުވެރިއަކާއި ބައްދަލުކުރަންދިއައީ 14 އަހަރުގެ ދަރިފުޅު ގޮވައިގެންނެވެ. ބައްދަލުވުމުގައި އެކުވެރިޔާ މުޅިންހެން ދެއްކީ އޭނާގެ ފިރިމީހާގެ ރަނގަޅުކަމުގެ ވާހަކައެވެ. ނުބުނަނީސްވެސް ކަންކަންކޮށްދޭ ކަމާއި އެންމެ ފަހަރަކުވެސް ދެރަވާން ނުޖައްސާކަމުގެ ވާހަކައެވެ.
އެނބުރި ގެއަށް އައިސް ވަޙީދާ އިންނަނީ ވަރަށް ދެރަވެފައެވެ. އެއީ އޭނާގެ ފިރިމީހާގެ ޢަމަލުތައް ތަފާތުވީމައެވެ. މަންމަ ދެރަވެފައި އިންނަތަން ފެންނަން ފެށުމުން ވެގެން މިއުޅޭ ގޮތް ދަރިފުޅަށްވިސްނިގެން ބުންޏެވެ.
"މަންމާއެވެ! އެގެއިން އެނބުރި އައިންސުރެ މަންމަ އަބަދުހެން ތިއަ އިންނަނީ ވަރަށް ދެރަވެފައެވެ. ސަބަބުވެސް ވިސްނެއެވެ. ބުނަންހެއްޔެވެ؟ އެދައްތަ އެދެއްކި ވާހަކަތަކުގައި ތެދުހިމެނެނީ ކިހައިވަރަކަށްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ފިރިމީހާ ތަނަވަސްވީމާ އެއްޗެތިދީފާނެއެވެ. ކަންކަންވެސް ކޮށްދީފާނެއެވެ. އެކަމަކު ދެން އެދެއްކިވާހަކަތަކުގެ ތެދުދޮގު ޖެހޭނީ ބަލާށެވެ! އޭނާ އެވާހަކަތައް ދެއްކިލެއް ގިނަކަމުން އެއީ ތެދުކަމާއިމެދު ވަރަށް ބޮޑަށް ޝައްކުކުރެވެއެވެ.
އަހުރެމެންގެ ކުށެއްވެސް އެބައޮތެވެ! ބައްޕައަށް ތަނަވަސްކަން އިތުރުވެ ރަނގަޅު ގޮތް މެދުވެރިކުރެއްވެވުން އެދިގެން އަހުރެމެންނަކަށް ދުޢާއެއް ނުކުރެވެއެވެ. މިއަދުން ފެށިގެން އެދުޢާކުރަންފަށަމާ ހިނގާށެވެ!" ދަރިފުޅު ދެއްކި ވާހަކަތައް ވަޙީދާއަށް ޤަބޫލުކުރެވި އެކުވެރިޔާދެއްކި ވާހަކަތަކަށް ވިސްނުން ހުއްޓައިލިއެވެ.
އެއިގެ ހައަކަ މަސްފަހެވެ. އެއެކުވެރިޔާގެ ދެމަފިރިން ވަޙީދާމެންގެ ގެއަށް އައިދުވަހެކެވެ. އެމީހުންނަށް ކާންހަދައިދިނުމާއި އަދި އެހެންވެސް ކަންކަމުގައި ވަޙީދާގެ ފިރިމީހާ ބައިވެރިވެ ވަޙީދާއަށް އެހީތެރިވެދިން މިންވަރާއި ވަޙިދާއަށް ބަލައިލާނަމަ ހިނިތުންވެގެންހުރެ ނޫނީ ބަލައިނުލާކަން އެދެމަފިރިންނަށް ފާހަގަކުރެވި ސިއްރުން އެވާހަކަތައް ދެއްކިއެވެ. އަނބިމިހާށ ކެނޑިނޭޅި ދިއައީ ފިރިމިހާގެ ގާތުގައި ޝަކުވާކުރަމުންނެވެ.
އެދެމަފިރިން ނުކުމެގެން ދިއުމުން ދަރިފުޅު މަންމަގާތުގައި ބުންޏެވެ. "މަންމާއެވެ. އަޅުގަނޑުގެ ފޯނުގައި މިހުރީ މަންމަގެ އެކުވެރިޔާ އޭނާގެ ފިރިމީހާގެ ގާތުގައި ދެއްކިވާހަކަތަކާއި ކުރި ޝަކުވާތަކެވެ. އަޑުއަހައިލާށެވެ!"
އަޑުއަހައިލުމަށްފަހު ވަޙިދާއަށް ބުނެވުނެވެ. "ދަރިފުޅުގެ ވިސްނުން ވަރަށް ރަނގަޅެވެ. އުފަލުގައި އުޅެވެނީ ކޮންބައަކަށްކަމާއި ރަނގަޅީ ކޮންފިރިއެއްކަން މިއޮތީ އެނގޭށެވެ!"
މިއީ އަހުރެންގެ އެކުވެރިއަކު އަހުރެންނަށް އީމާލްކުރި ވާހަކައެކެވެ. މިވާހަކައިގައިން ލިބޭފިލާވަޅުގެ މުހިންމުކަން ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. ބުނެލަން ބޭނުންވަނީ މީހުން އެމީހުންގެ ދިރިއުޅުމާއިމެދު ދައްކާ މިބާވަތުގެ ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ގިނަ މީހުން އެމީހުންގެ ދިރިއުލުމުގެ ވާހަކަތައް ކިޔައިދޭނީ ތެދަކަށް ނޫނެވެ. އެމީހުންނަށް މޮޅުވާ ގޮތަށެވެ!
- ޖަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް